ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައީސް ނަޝީދު ހުށަހެޅުއްވި އިސްލާހަކީ ގައުމުގެ މިނިވަންކަން ނަގާލަން ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށާއި އެކަމަށް ރައްޔިތުން ހޭލާ ތިބުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައިފިއެވެ.

އެކަމާ ގުޅޭގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގައި ދާއިމީކޮށް ތިބެވޭގޮތައް އިސްލާހު ހުށަހެޅުމަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާ ފުރަތަމަ ފިޔަވަޅު ކަމަށާއި އެކަމަށް ރައްޔިތުން ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންގެ އެއްމެ އަސާސީ ހައްގެއްވެސް ކަށަވަރުކޮށް ނުދޭ ކަމަށެވެ. އަވައްޓެރި ގައުމެއްގެ ނުބައި ރޭވުންތެރި ކަމެއްގެ ތެރެއިން ގާނޫނު އަސާސީއާ ހިލާފަށް ބޭރުގެ ފަރާތްތަކަށް ދާއިމީ ރައްވެހިކަން ދިނުމަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް އޮތް ނުހަނު ނުރައްކާތެރި ބިިރުވެރި ކަމެއް ކަމަށެވެ.

ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ރައީސް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

އެ އިސްލާހާ ގުޅިގެން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ވިދާޅުވެފައި ވަނީ ތަނެއް ކުއްޔަށް ހިފާ ކޮންމެ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދޭން ފަށައިފި ނަމަ، އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށާފާނެ ކަމަށާއި ކުއްޔަށް ހިފާ މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ އެ އިސްލާހާ ދެކޮޅަށް ގިން މެންބަރުން ވާހަކަދައްކަވާފައި ވާއިރު، ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.