ހަމުގައި ބިހިގަނޑުތަކެއް ނެގުމާއި، އަތް/ފައިގެ އިނގިލިތަކުގައި ރަތްކުލައި ކުދި ފިއްތަކެއް ނެގުމަކީވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަލާމާތެއް ކަމުގައި ބަލަން ޖެހޭ ކަމަށް ކިންގްސް ކޮލެކް ލަންޑަން (ކޭސީއެލް) ގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

ކޭސީއެލް އިސްވެ އޮވެ ކުރިއަށް ގެންދިޔަ ދިރާސާއަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހަމުގައި ބިހިގަނޑުތަކެއް ޖެހުމަކީ، ކޮވިޑް-19ގެ އިތުރު އެއްވެސް އަލާމާތެއް ނުފެނި ހުންނަ (ޕޮޒިޓިވް) މީހެއްގެ ކިބައިންވެސް ފެނިދާނެ އަލާމާތެކެވެ.

ކޮވިޑް-19ގެ އަލާމާތްތަކުގެ ގޮތުގައި މިހާތަނަށް ބަލަމުން އަންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ކެއްސުން އަދި ނޭވާ ކުރުވުން ހިމެނެއެވެ. ނަމަވެސް މިފަހަކަށް އައިސް އިތުރު އަލާމާތްތަކެއް ވަނީ ލިސްޓުކުރަން ފަށާފައެވެ. އެގޮތުން ބައެއް ޕޭޝަންޓުންނަށް ވަސްދުވުމާ، ރަހަލުމުގައިވެސް ބަދަލުތަކެއް އައިކަން ފާހަގަކޮށްފައި އެބަހުއްޓެވެ.

ކޮރޯނާވައިރަސް ހަންގަނޑަށް ވަންނަ ގޮތް ދައްކާ ކުރެވުމެއް

ކޭސީއެލްގެ ދިރާސާ އެކުލަވާލާފައިވަނީ ކޮވިޑް-19 ސިމްޓަމް ސްޓަޑީ-އެޕް މެދުވެރިކޮށް އެއްކުރި މައުލުމާތު ބޭނުން ކޮށްގެންނެވެ. މި އެޕް މެދުވެރިކޮށް، އިނގިރޭސިވިލާތުން 336000 މީހަކުވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި މައުލޫމާތުން އެނގުނު ކަންކަމަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 8.8 ޕަސެންޓް މީހުންގެ ހަމުގައި ބިހިގަނޑުތަކެއް ނެގިކަން ފާހަގަކޮށްފައިވެއެވެ. ހަމުގައި ބިހިގަނޑުތަކެއް ނެގި މީހުންގެ ތެރެއިން ކޮވިޑް-19އަށް ނެގެޓިވްވެފައިވަނީ 5.4 ޕަސެންޓް މީހުންނެވެ.

މިއާއެކު ދިރާސާ ޓީމުން ތަފާތު ސާވާއެއްގެ މަސައްކަތް ފެށިއެވެ. މި ސާވޭ ހާއްސަކުރީ، ކޮވިޑް-19 ޖެހިފައިވާ ނުވަތަ ޖެހިފައިވާކަމަށް ބެލެވޭ މީހުންގެ ތެރެއިން ހަމުގައި ބިހިގަނޑުތަކެއް ނެގި 12000 މީހުންނަށެވެ. މި ސާވޭއަށް އިޖާބަ ދީފައި ވާ ގޮތަށް ބަލާއިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 ޕަސެންޓް މީހުންގެ ހަށިގަނޑުން ފެނުނު ފުރަތަމަ އަލާމާތަކީ ހަށިގަނޑުގައި ބިހިގަނޑުތަކެއް ނެގުންކަން ވަނީ ފާހަގަކޮށްފައެވެ. އަދި 21 ޕަސެންޓް މީހުން ބުނެފައިވަނީ ގޮތުގައި އެމީހުންގެ ހަށިގަނޑުން ފެނުނު ހަމައެކަނި އަލާމާތަކީ އެއީއެވެ.

ސެއިންޓް ޓޮމަސް ހޮސްޕިޓަލް އަދި ކޭސީއެލްގެ ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ ވެރޯނީކް ބެޓާލީ ވިދާޅުވާ ގޮތުގައި، ވައިރަލް އިންފެކްޝަންތަކަކީ އެކަމުގެ އަސަރު، ހަންގަނޑަށް ކުރާ އިންފެކްޝަންތަކެކެވެ. އެހެންކަމުން ކޮވިޑް-19އާއެކު މިފަދަ ކަންތައްތަކެއް ފެނުމަކީ ހައިރާންވާ ކަމެއް ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މުހިންމު ކަމަކީ، މިފަދަ ބިހިގަނޑުތައް ނެގުމަކީ ބަލީގެ ހަމައެކަނި އަލާމާތަށްވެސް ވެދާނެކަން މީހުންނަށް އަންގައިދިނުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހަށިގަނޑުން އާ ބިހިގަނޑެއް ފެނިއްޖެނަމަ، އެއީވެސް އަލާމާތެއް ކަމުގައި ބަލާ، އަމިއްލައަށް އެކަހެރިވެ، ވީ އެންމެ އަވަހަކަށް ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ޑރ ބެޓާލީ ވަނީ ގޮވާލައްވާފައެވެ.

ކޮރޯނާވައިރަސް އަލާމާތް ކަމަށް ޝައްކު ކުރެވޭ ބިހިތަކެއް އަތުގައި ނަގާފައި

ކޭސީއެލްއިން އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުގައި މި ބިހިގަނޑުތައް 3 ކެޓަގަރީއަކަށް ބަހާލެވެއެވެ.

ފުރަތަމަ ބާވަތަކީ ހައިވްސް ޒާތުގެ ބިހިގަނޑުތަކެކެވެ. މިއީ އަވަސް އަވަހަށް ފިލާ، އަނބުރާ އަންނަ ޒާތުގެ ބިހިގަނޑުތަކެކެވެ. މިއީ ހަށިގަނޑުގެ ކޮންމެ ހިސާބެއްގައިވެސް ނަގާފާނެ ބިހިގަނޑެއްކަމަށް ކޭސީއެލްއިން ބުނެއެވެ. މިއީ އިންފެކްޝަންގެ ކުރީކޮޅުގައިވެސް ފެނިދާނެ އަލާމާތަކަށް ވާއިރު، ދިގު މުއްދަތަކަށް މިކަން ފެނިދާނެ ކަމަށް ބުނެވެއެވެ.

ދެވަނަ ބާވަތަކީ، ވަރަށް ގަދައަށް ހިރުވާ ޒާތުގެ ކުދި ރަތް ބިހިތަކެކެވެ. މި ބިހިތައް އާންމުކޮށް ނަގަނީ އުޅަނބޮއްޓާ ކަކުލުގެ އިތުރުން، އަތްތިލައާއި ފައިތިލާގައި ކަމަށް ބުނެވެއެވެ.

ތިންވަނަ ބާވަތަކީ ތަނބު ކުލައަކަށް ހުންނަ ފިއްގަނޑުތަކެކެވެ. މި ފިއްގަނޑުތަކަކީ އަތާ ފައިގެ އިނގިލިތަކުގައި ނަގާ ފިއްގަނޑުތަކެކެވެ.

ކަންމިހެން އޮތްއިރު، ހަށިގަނޑަށް އަންނަ ބަދަލުތަކާ އެއްވަރަށް، ހަންގަނޑަށް އަންނަ ބަދަލުތަކަށްވެސް ސަމާލުކަން ދޭންޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރަންޖެހެއެވެ. ކޮވިޑް-19އަށް އެންމެ މުހިންމީ ދުރާލާ ބަލިހުރިކަން ދެނެގަނެ، އިތުރު ބަޔަކަށް ބަލި ނުފެތުރޭނެ ކަން ކަށަވަރުކުރުމެވެ. މި ބައްޔަށް ހާއްސަ ވެކްސިނެއް އަދި ފަރުވާއެއްވެސް އަދި ހޯދިފައި ނުވާއިރު، މިވަގުތަށް އޮތް ދިފާއުތަކުގެ ތެރޭގައި ޖިސްމާނީ ގައިދުރުކަން އިސްކުރުމާ، މާސްކު އެޅުމާ، ގިނަގިނައިން އަތް ދޮވުން ފަދަ ކަންކަން ހިމެނެއެވެ.