ކޮވިޑް-19 އިގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިއުލާން ކުރި ލޮކްޑައުން އަށް ލުއި ދިނުމަށް 67 ޕަސެންޓް ރައްޔިތުން ބޭނުންވި ކަމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އެމްއެންޔޫން ކުރި ދިރާސާގެ ފުރަތަމަ ބުރުގައި 2517 މީހުން ބައިވެރިވެފައި ވާއިރު ދެވަނަ ބުރުގައި 2،517 މީހަކު ބައިވެރިވެފައި ވެއެވެ. އެ ދިރާސާގައި ބައިވެރިވި މީހުންގެ 67 ޕަސެންޓް މީހުން ބޭނުންވީ ލޮކްޑައުން އަށް ލުއި ދިނުމަށެވެ.
އެގޮތުން 50 ޕަސެންޓް މީހުން ބޭނުންވީ އެކި މަރުހަލާތަކަށް ބަހާލައިގެން ގައިޑްލައިން ތަކާއެކު ލޮކްޑައުން އަށް ލުއި ދިނުމަށެވެ. އަދި 15 ޕަސެންޓް މީހުން ބޭނުންވީ އެއްކޮށް ލޮކްޑައުން އަށް ލުއި ދިނުމަށެވެ. އެހެންނަމަވެސް އެ 15 ޕަސެންޓް މީހުންވެސް ބޭނުންވީ ގައިޑްލައިން ތަކާ އެކުގައި ލޮކްޑައުންނަށް ލުއި ދިނުމަށެވެ.
އެ ދިރާސާއިން ދައްކާގޮތުގައި ކޮވިޑް-19 ރެސްޕޮންޑެންޓްތަކުގެ ތެރެއިން ކޮންމެ ފަސް ރެސްޕޮންޑެންޓުން އެކަކު ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވާއިރު، ޓެސްޓުތަކުން ދައްކާގޮތުގައި 85 ޕަސެންޓް މީހުން ނެގެޓިވްއެވެ. އަދި 12 ޕަސެންޓް މީހެއްގެ ނަތީޖާ އަދި ނުލިބި ހުރި އިރު 3 ޕަސެންޓް މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. އެއްވެސް ގައިޑްލައިނެއް ނެތި އެއްކޮށް ލޮކްޑައުން އަށް ލުއި ދިނުމަށް 2 ޕަސެންޓު މީހުން ބޭނުވި ކަމަށް ދިރާސާއިން ދައްކާ އިރު، 33 ޕަަސެންޓް މީހުން ބޭނުންވަނީ ލޮކްޑައުން އަށް އެއްވެސް ލުޔެއް ދޭން ބޭނުން ނުވާ ކަމަށެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު އިއްލާން ކުރި ލޮކްޑައުނަށް ލުއިތަކެއް ދީފައިވީ ނަމަވެސް މި ވަގުތު ހާލަތު ނާޒުކު ވަމުން ދާ ކަމަށް އެޗްޕީއޭއިން އަންނަނީ ބުނަމުންނެވެ. ކޭސްތައް މަދުވުމާއެކު ލޮކްޑައުން އަށް ލުއިތައް ދީ މީހުން މަގުމައްޗަށް ނުކުމެ އުޅުން އިތުރު ވި ފަހުން އަނެއްކާވެސް އިތުރު ކޭސްތައް ފެންނަން ވަނީ ފަށާފައެވެ. އެ ގޮތުން މިހާރު ވިދި ވިދިގެން ހަތަރު ދުވަހެއްގެ ތަފާސްހިސާބަށް ބަލާލިއަސް އެ އަދަދު އިތުރުވަމުން ދާ މިންވަރު ފާހަގަ ކުރެވޭނެއެވެ.
ރާއްޖެއިން ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2899 އަށް ވަނީ އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 68 މީހަކަށް އަލަށް ބަލި ޖެހިފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ 2339 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ. މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.