ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި އާސަނަލްގެ ދަނޑުގައި އެޓީމާ މިސީޒަންގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗު 2-1 އަކުން އާސަނަލް ކާމިޔާބުކޮށްފިއެވެ. މިއީ، 2015 ވަނަ އަހަރުގެ ފަހުން އާސަނަލްއަށް ލިވަޕޫލް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ސީޒަންގެ ޗެމްޕިއަންކަން ލިވަޕޫލަށް ކަށަވަރުވީ ފަހުން އެޓީމުން ބަލިވި ދެވަަނަ މެޗެވެ. ތަށި ލިބުމުގެ ކުރިން އެޓީމުން ބަލިވެ އަދި އެއްވަރުވެފައި ވަނީ ވެސް އެންމެ މެޗަކުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް ލިވަޕޫލުންނެވެ. ގިނަ އިރުތަކެއް ބޯޅަށް ހިފަހައްޓައިގެން އާސަނަލްގެ ހާފްގައި ކުޅުނު ލިވަޕޫލުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާ ސާޑިއޯ މާނޭއެވެ.
އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން އާސަނަލްއިން ވަނީ 2-1 އެއްގެ ލީޑެއް ނަގާފައެވެ. އެޓީމުން ޖެހި ދެލަނޑަކީ ވެސް ލިވަޕޫލްގެ ކުޅުންތެރިން 'ހަދިޔާ' ކުރި ލަނޑުތަކެކެވެ. އާސަނަލްގެ ފުރަތަމަ ލަނޑު އެޓީމުގެ އެލްގްޒެންޑާ ލަކަޒެޓް ޖެހީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކްއަށް ހެދުނު ގޯހަކުންނެވެ.
ހާފް ނިމެން ދަނިކޮށް ލިވަޕޫލްގެ ކީޕަރު އެލިސަންއަށް ހެދުނު ކޮހަކުން އާސަނަލްގެ ފޯވަޑް ރީސް ނެލްސަންއަށް ލިބުނު ފުރުސަތު ގޯލުގެ ތެރެއަށް ވައްދާލާ އެޓީމަށް ލީޑު ނަގާދިނެވެ.
ދެވަނަ ހާފްގައި އާސަނަލްގެ ގޯލަށް ލިވަޕޫލްއިން ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް އާސަނަލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި މެޗުން ބަލިވުމުން ލިވަޕޫލްއަށް މިވަނީ ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ އާ ރިކޯޑެއް ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. މީގެ ދެ ސީޒަންގެ ކުރިން ސިޓީއިން ވަނީ 100 ޕޮއިންޓް ހޯދާ މި ރިކޯޑް ހަދާފައެވެ. ބާކީ ދެ މެޗު އޮތް އިރު މި ދެމެޗުން މޮޅުވެގެން ވެސް ލިވަޕޫލްއަށް ލިބޭނީ 99 ޕޮއިންޓެވެ.
ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އެޓީމަށް ސީޒަންގެ ތަށި ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. އެއީ އަންނަ ބުދަ ދުވަހު ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި އެޓީމާ ޗެލްސީއާ ދެމެދު ކުޅޭ މެޗުގެ ފަހުންނެވެ.
ރޭގެ މެޗުގައި މާ ގިނަ ފުރުސަތުތަކެއް ނުއުފެއްދި ނަމަވެސް އާސަަނަލް އިން ވަނީ ލިބުނު ޗާންސްގެ ބޭނުން ހިފާފައެވެ. އަދި މި ހަފްތާ ބަންދުގައި ސިޓީއާ ދެކޮޅަށް އެފް.އޭ ކަޕްގެ ސެމީފަނަލް މެޗަށް ނިކުންނަ އިރު އަނެއްކާވެސް މޮޅު ކުޅުމެއް ދައްކާނެ ކަމަށް ޓީމުގެ ކޯޗު މިކެލް އާޓެޓާ އުއްމީދުކުރެއެވެ.