ހުއްދަ ހޯދައިގެން މާލެ ސަރަހައދުގައި އެއްވެ އުޅުމަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނަކީ ގާނޫނު އަސާސީއާ ހިލާފު އެކަށައެޅުމެއް ކަމަށާއި އެހެންކަމުން ގާނޫނު އިސްލާހުކޮށް މިނިސްޓްރީގެ އިއުލާނު ބާތިލުކުރުމަށް ބާ ކައުންސިލުން ގޮވާލައިފިއެވެ.
ބާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި، ކަންތައްތަކާ ގުޅުންހުރި ރައުޔާއި، މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ގާނޫނު އަސާސީ ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމަކީ ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހާ ގާނޫނީ ވަކީލުންގެ ހުވައިގެ ތެރޭގައި ހިމެނިފައިވާ ކަމެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.
އެހެންކަމުން ހޯމް މިނިސްޓްރީން އޯގަސްޓް، 31، 2016 ގައި ކޮށްފައިިވާ އިއުލާން ތަކުރާރުކޮށް، ޖުލައި މަހުގެ 14 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާން ބާތިލުކުރުމަށް ބާ ކައުންސިލުން ވަނީ ގޮވާލާފައެވެ. އެގޮތުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމަަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ފަރާތުން ވަނީ ގޮވާލާފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ވީނަމަވެސް، ފުލުހުން ލިޔުމުން ދޭ ހުއްދައަކާ އެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހޯމް މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމަކީ ޔުނިވާސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް) އާއި ދިވެހި ދައުލަތުން ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ތެރެއިން އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ ދަށުން ދިވެހި ދައުލަތުން އަމަލުކުރަން އަހުދުވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމަކީ ގާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ މައްޗަށް މަތިކޮށްފައިިވާ ދުސްތޫރީ ވާޖިބެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ބުނީ އެއްވެ އުޅުމުގެ ހައްގު ހަނިކުރާނަމަ އެކަން ކުރެވޭނީ، ކުރިއަރާފައިިވާ ދިމިގްރާތީ މުޖުތަމައުތައް ބަލައިގެންފައިވާ މަައިގަނޑު އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެ އުސޫލުތަކުގައިވާ ގޮތުގައި އެފަދަ ހަނިކުރުމެއްގެ ސަބަބުން ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި މަނާކޮށްފައިވާ ގޮތަށް، އެ ހައްގުން އެއްކޮށް މަހްރޫމްކުރެވިގެން ނުވާނެކަމަށް ބުނެއެވެ. އެއްވެ އުޅުން ހަނިކުރުމެއްގެ ސަބަބުން އެ ހައްގު ބޭނުންކުރުމުގެ ކުރިން ކުރިއާލާ ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އޮވެގެން ނުވާނެ ކަމަށްވެސް ވެއެވެ.އަދި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިނިވަން ދިމިގްރާތީ މުޖުތަމައުއެއްގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ކަމަކަށް ވާން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން އެ މިނސިްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން ފުލުހުން ލިޔުމުން ހުއްދަ ދިނުމުން މެނެވީ އެއްވުންތައް ނުބޭއްވޭނެ ކަމަށެވެ. އެގޮތުން ހުއްދަ ނުހޯދާ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ހެންވޭރު ކަނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ފަހަކަށް އައިސް މާލޭގައި ގިނަ އަދަދަކަށް މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. އެގޮތުން، މަޖިލިސް ޖަވާބުދާރީ ކުރުވުމަށް ނަވާނައި އިން އިންތިޒާމްކޮށްގެން މަޖިލިސް އިދާރާ ކުރިމަތީގައި ބޭއްވި މުޒާހަރާއާއި، ފުލުހުންގެ ބިލާއި ވަޒީފާގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލިސް އިދާރާ ކައިރީ އަޑުއުފުލުން ހިމެނެއެވެ.
ހަމައެއާއެކު ޖިންސީ އަނިޔާއާއި ރޭޕާ ދެކޮޅަށް ވޮއިސް އޮފް ޗިލްޑްރަން (ވީއޯސީ) އިން އިސްނަގައިން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ އިތުރުން، "ޖާގައެއް ނެތް" ނަމުގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ވެލާނާގެ ކުރިމަތީ ވެސް ވަނީ މުޒާހަރާކޮށްފައެވެ. މީގެ އިތުރުން މީޑިއާތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅުން ވެސް ވަނީ ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީ މުޒާހަރާކޮށްފައެވެ. އަދި މުސާރަ ނުދޭތީ ބިދޭސީ މަސައްކަތް ތެރިންވެސް ވަނީ ހުޅުމާލޭގައި އާއި މާލެގައިވެސް މުޒާހަރާ ކޮށްފައެވެ.