ބޮޑުފިނޮޅުން ރިޒްގެ މަސައްކަތްތެރިން ބާލަން ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ.
ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދައުވާކުރާ ފަރާތުން މަސައްކަތް ހަވާލުކޮށްފައިވާ ރިޒް ކުންފުނިން ބޮޑުފިނޮޅަށް އަރުވާފައިވާ މީހުން އެ ރަށުން ބާލަން އެންގުމަކީ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ސީލް ކުންފުންޏަށް އޮތް ހައްގެއް ކަމަށާއި އެކަމަކު އެގޮތަށް ރިޒް ކުންފުންޏަށް ސިޓީއަކުން އެންގުމުން ވެސް މީހުން ބާލާފައި ނުވާކަމަށެވެ. އެކަމަކުގެ ސަބަބުން ހަމަނުޖެހުން ހިނގައި ސީލް އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހުށަހަޅާފައިވާ ހެކިން އެނގޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
އެހެން ކަމުން ރިޒް ކުންފުނިން ރަށަށް އަރުވާފައިވާ މީހުންނާއި އެ މީހުންގެ މުދަލެއް ހުރި ނަމަ އެ ތަކެއްޗެއް ބޭލުމަށް ރިޒް ކުންފުންޏަށް އަމުރުކޮށް އެކަން ތަންފީޒުކުރަން ފުލުހުންގެ އެހީތެރިކަން ބޭނުންވެއްވެއްޖެ ނަމަ ފުލުހުން ބާރުގެ ބޭނުންކޮށްގެން އެކަން ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިމަހުގެ 2 ވަނަ ދުވަހު ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. 200 އަށް ވުރެ ގިނަ ބިދޭސީން އެތާ ތިބި އިރު އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. އެ ބިދޭސީންނަކީ ރިޒް ކުންފުނީގެ މީހުންނެވެ.
އެ ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުންގެ ޓީމެއް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. އެ ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ.
މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގައެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.