ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މައްޗަށް ކުރި ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވީ، މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް، މިއަދު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި އެކަމަށް ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން ހުށަހަޅުއްވާނެ ކަމަށް އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދީބު މިނިވަން ކުރުމާ ގުޅިގެން ޝަމީމް ވިދާޅުވެފައި ވަނީ އެހުކުމް އިއްވާފައި ވަނީ އިއުތިރާފު އެއްބަސްވުމާ ގުޅޭ ގޮތުން އަމަލުކުރުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށާއި އެފަދަ އެއްބަސްވުމެއް ބާތިލުކުރަން ނިންމުމުގެ ކުރިން ޕީޖީ އަލުން ތަހުގީގުކުރަން ބޭނުންތޯ ސުވާލުކުރަން ޖެހޭނެ ކަމަށެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތުތެކެއް ކޮށްފައެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ އިއްޔެ މިނިވަންވެފައެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ކުރިން ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ބޮޑެތި ދައުވާތަކެވެ.
އަދީބު މިނިވަން ވުމާއެކު ރޭގެ ވަގުތެއްގައި ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ. އަދި މިއަދު މަޖިލީހުގައި ވަނީ އަދީބު މިނިވަން ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ.