ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާލެއިން ފުރުން މަނާ ކުރަން އަމުރަކަށް އެދެމުންދާ ކަަމަށް ޕީޖީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވީ، އަދީބު ފުރުން މަނާ ކުރުުމުގެ އަމުރަށް އެދުމުގެ މަސައްކަތް މިހާރު އެ އޮފީހުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ކޯޓުގައި އެ އަމުރު ނެެރެދިނުމަށް ހުށަހަޅާނެ ކަމަށާއި އެ އަމުރު ކޯޓުން ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ހޯދުމަށް ފުލުހުންގެ އަރިހުނަގއި އެދިވަޑައިގެންފައިވާނެ ކަމަށެވެ. މީގެ ކުރިންވެސް އަދީބަކީ ފިއްލަވާފާ ބޭފުޅެއް ކަމަށާއި ކުށުގެ ރިކޯޑުވެސް އޮތް މީހެއް ކަމަށް ޝަމީމް ފާހަގަަކުރެއްވިއެވެ. އެހެން ކަމުން ހައި ކޯޓުން މީގެ ކުރިން އެފަދަ މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކޮށް އަދީބު ފުރުން މަނާ ކުރުމުގެ އަމުރެއް ނެރޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު ހައްޔަރު ކުރަން ޖެހިއްޖެ ނަމަ، ހައްޔަރުކުރުމުގެ އަމުރަކަށް އެދުމަށް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތުތެކެއް ކޮށްފައެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ބޮޑެތި ދައުވާތައް ހިމެނެއެވެ.