ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 800 އަހަރުގެ ހުކުމް އަންނަ ވަރުގެ 150 ދައުވާ ކުރެވެން އެބައޮތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށާއި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިވެސް އުފުލޭނެ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދީބު މިއަދު ވަނީ މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކުގައެވެ. މިކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، އަދީބުގެ މައްޗަށް އަލަށް އުފުލި ހަތް ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ދައުވާތަކެއް ކަމަށް ކަނޑައަޅައި، އެ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލްކުރި ކުރުމާމެދު ސުވާލު އުފެދޭ ކަމަށެވެ.
މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފާޑު ވިދާޅުވަމުން ޝަމީމް ވިދާޅުވީ، އަދި މިއަދުގެ ނިންމުން އައީ އަދީބު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށްވެސް ނޫން ކަމަށާއި އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ޝަމީމް މިއަދުވެސް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށެވެ. އަދި އަދީބު ހިޔާނާތް ހިންގާފައިވާކަން ސާބިތުކޮށްދެވޭނެ މިންވަރަށް ހެއްކާއި ލިޔުންތައް އެބަހުރި ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލީ ޕީޖީން ހުށައަޅާފައިވާ 700 ސަފްހާގެ ލިޔެކިޔުމަށް ވެސް ބެލުމެއްނެތި ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތު ތެކެއް ކޮށްފައެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ބޮޑެތި ދައުވާތައް ހިމެނެއެވެ.