ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މައްޗަށް ކުރި ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ނިންމައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމު ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރައްވާނެ ކަމަށާއި އެކަމަށް ހުށަހަޅަންޖެހޭ ލިޔެކިޔުން މާދަމާ ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޕީޖީގެ ވާހަކައިގައި މިއަދު ކޯޓުން އަދީބު މިނިވަން ކުރުމާއި ގުޅިގެން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެހުކުމް އިއްވާފައިވަނީ އިއުތިރާފު އެއްބަސްވުމާ ގުޅޭ ގޮތުން އަމަލުކުރުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށާއި އެފަދަ އެއްބަސްވުމެއް ބާތިލުކުރަން ނިންމުމުގެ ކުރިން ޕީޖީ އަލުން ތަހުގީގުކުރަން ބޭނުންތޯ ސުވާލުކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އަދީބުގެ މައްސަލައިގައި އެގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށާއި ސުވާލުނުކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން އަލުން ތަހުގީގު ހިންގައި ދައުވާކުރުމުގެ ފުރުސަތު ކުރިން އަދީބުގެ މައްސަލައިގައި ހުކުމް ކުރި ގާޒީއަށް އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އެގޮތުން ކުރިން ވެފައިވާ އެއްބަސްވުން އެކުލަވައިލީ މަޖުބޫރުކޮށްގެން ކަމުގައި ހުކުމުގައި ބުނެފައިވާއިރު އަދީބު އެފަދައިން ވިދާޅުނުވާ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
އޭގެ އިތުރުން ޕީޖީ ވިދާޅުވީ ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ހުކުމުގެ ސަބަބުތައް ބަޔާންކޮށްފައިނުވާ ކަމަށާއި، ހަވާލާދޭ މާއްދާއަކީ ކޮބައިކަންވެސް ބުނެދީފައިނުވާ ކަމުގައެވެ. އަދި އެ ހުކުމުގައި ބުނާ އަދީބު އެ މައްސަލާގައި 2015 ވަނަ އަހަރު ހައްޔަރުކުރި ކަމުގައި ބުނެފައިވީނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތު ތެކެއް ކޮށްފައެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފައެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ބޮޑެތި ދައުވާތައް ހިމެނެއެވެ.