ބިދޭސީންނަށް މިވަގުތު ރައްކާތެރިކަން ދޭން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފިައވެ.
އެ ބަޔާނުގައި ބުނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ހަވާލުވެވެން ނެތް ކަމަށައި އެއީ ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކަކާ އެކު ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
ޓްރެފިކްކުރެވޭ މީހުން ބަލަހައްޓައި ދިރިއުޅެން އެކަށީގެންވާ ތަނެއް ހޯދައިދިނުމަކީ ގާނޫނުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެއްގެ ކަމަށްވެސް ރިޒް ކުންފުނީގެ ބަޔާނުގައި ބުނެއެވެ.
ސީލް މޯލްޑިވްސް ތަމްސީލް ކުރާ އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި މީގެ ކުރިން ބުނެފައި ވަނީ ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް އެ ބަޔާނުގައި ބުނާ ދެ އެއްބަސްވުމުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދީފައިވާ ކަމަށް އެ ކުންފުނިން ބުނާއިރު އެކަންވެސް ރިޒް ކުންފުނިން ވަނީ ދޮގު ކޮށްފައެވެ.
އެ ކުންފުނީގެ ބަޔާނުގައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ތަހުގީގު ކުރަމުންދާ ކަމަށް ތުހުމަތުކޮށް، ފުލުހުން އެންގީ ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެހެން ތަނަކަށް ގެންދިއުމާ ގުޅޭ ގޮތުން ސީލް މޯލްޑިވްސްއާ މަޝްވަރާކުރަނިކޮށް ކަމަށެވެ.
އެ ކުންފުނިން އެފަދައިން ވިދާޅުވެފައި ވާއިރު، ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް 300 އަށް ވުރެ ގިނަ ކޯޓާ ދޫކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގާނޫނީ ވަކީލް މުހުތާޒް މުހުސިން ރޭ ވަނީ ވިދާޅުވެފައެވެ.
ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގައެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.