ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއެއް މިއަދު ކޯޓުން ބޭރު ކޮށްލުމާއެކު އޭނާ މިނިވަން ވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ދައުވާ ތަކަކީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ކުށުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބުގެ މައްޗަށް އެ 7 ދައުވާ ކުރީ އަދީބާއި ދައުލަތާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އަދީބު ކުށަށް އިއުތިރާފު ވާ ގޮތަށެވެ. އެކަން ކުރިން ފުލުހުން ހާމަ ކުރަމުން ބުނެފައި ވަނީ އެ އެއްބަސް ވުމުގެ ދަށުން އަދީބަށް ބޭސްފަރުވާގެ ފުރުސަތު ލިބިދޭ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލި 7 ދައުވާގެ ޝަރީއަތް ފަށާ، މިދިޔަ އާދީއްތަ ދުވަހު އަދީބު ވިދާޅުވީ، އޭނާ އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭސްފަރުވާއަށް ވަޑައިގަންނަވާނެ އެހެން ގޮތެއް ނެތުމުން ކަމަށާއި، އެ އެއްބަސް ވުން ހަދަން ހުށަހެޅުއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކަމަށެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެފަދަ އެއްބަސްވުމެއް ހަދިދާނެ ތޯއާއި، ގާނޫނީ ހަމަތަކުގެ މަތިން އެފަދަ މާއްދާތަކެއް ހިމަނާ އެކަން ކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއަދު ޝަރީއަތް ބާއްވަވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި އޭނާ ނިންމަވާފައި ވަނީ އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބޭ އެއްބަސްވުމެއް ނޫން ކަމަށާއި، ދައުލަތުން އޭނާއަށް 7 ދައުވާ އުފުލާފައި ވަނީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށާއި އަދި ގާނޫނާވެސް ހިލާފަށް ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ބޭސް ފަރުވާއަށް މީހަކު ފޮނުވަން ޝަތުރު ކުރުމަކީ ޕީޖީ އޮފީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް އެކަން ކުރުމުން އެއީ "ޓޯޗާ" އެއްގެ ގޮތުގައިވެސް ބެލިދާނެ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ހިންގި ޝަތީއަތްވެސް ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ އެ ހުކުމާއެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގައި ހުންނެވި އަދީބު އެއްކޮށް މިނިވަން ވީއެވެ. ކުރިން އޮތް 33 އަހަރުގެ ޖަލު ހުކުމްވެސް ބާތިލު ކޮށްފައި ވުމާއެކު މިހާރު އަހުމަދު އަދީބަކީ މިނިވަނެކެވެ.