ދީނުގެ ނަމުގައި ޑރ. މުހައްމަދު އިޔާޒު އަންހެނުންނަށް ފުރައްސާރަ ކުރައްވާ ކަމުގެ ތުހުމަތާއެކު ވިދާޅުވެ އެކަން ހުއްޓާލެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ޑރ. މުހައްމަދު އިޔާޒް އަށް ގޮވާލައްވައިފިއެވެ.

މިއަދު މަޖިލީހުގައި ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރަނީ އަންހެނަކު ނުވަތަ އަންހެން ކުއްޖަކު ލައިގެން ހުންނަ ހެދުމަކުން ނޫން ކަމަށެވެ. އަދި އެމޭރުމުން ވާހަކަ ދައްކާ ފަރާތްތަކުގެ ސަބަބުން އެ ހާދިސާ އެއް ހިނގާފައިވާ ރަށެއްގައި ނުވަތަ ގައުމުގައި ޖިންސީ ކުށުގެ އަނިޔާ އިތުރު ކުރުމަށް، އެއީ އަޅައިގެން ހުންނަ ހެދުމެއްގެ ސަބަބުން ވާ ކަމެއް ކަމަށް ދީން ދަންނަ ދީނީ އިލްމުވެރިން ހިތްވަރު ދެއްވާ ވިދާޅުވާ ކަމަށް އީވާ ވަނީ ފާހަގަ ކުރައްވާފްއެވެ.

އެގޮތުން ޑރ އިޔާޒްގެ ޓްވީޓެއްގައި އަންހެން މީހާ އައުރަ ނިވާވުމުން ޖިންސީ އަނިޔާ ނުހިނގާނެ ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް އަންހެނުންގެ ހެދުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ އީވާ ވިދާޅުވީ އެފަދަ އަމަލުތަކަކީ "މުޑުދާރު" ވާހަކައެއް ކަމަށާއި އެއީ އިސްލާމް ދީނުގެ އަސްލު ދަންނަ މީހުންވެސް ލަދު ގަންނަން ޖެހޭ "ހުތުރު" އަމަލެއް ކަމަށެވެ.

ޑރ. މުހައްމަދު އިޔާޒަށް ގޮވާލަން ބޭނުން، އެ ގޮތަށް ވާހަކަ ދައްކާ ޝޭހުންނޭ ކިޔައިގެން އުޅޭ މީހުންނަށް ގޮވާލަން، ހަބަރުދާރޭ، ހުއްޓާލާށޭ، ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރުމަށް، އަޅުގަނޑު ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނަހާ ހިނދަކު އެ ގޮތަށް ފަޟީހަތް ކުރަން ދިޔަކަ ނުދޭނަން
އީވާ

އިސްލާމް ދީނަކީ އަންހެނުންނަށް އަޅާލާ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކާ އެކަމަށް ބާރުވެރިކޮށް އޯގާތެރި ކަމާ އެކުގައި އަންހެނުންނަށް އަޅާލައި، އަންހެނުން ހިމާޔަތް ކުރުމަށް ގޮވާލާފައިވާ ދީނެއް ކަމަށް ވާއިރު ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް އެ ގޮތަށް ފުރައްސާރަ ކުރުން ހުއްޓާލަން ވަނީ ދީނީ އިލްމުވެރިންނަށާއި އެފަދަ ހަބަރުތައް ގެނެސްދޭ މީޑިއާތަކަށްވެސް އޭނާ ގޮވާލައްވާފައެވެ.