ބ. ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް 300 އަށް ވުރެ ގިނަ ކޯޓާ ދޫކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް ގާނޫނީ ވަކީލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މުހުތާޒް ވިދާޅުވީ، ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ކޯޓާ ހޯދުމުގެ ހުއްދަ ދިނީ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް) ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. ނަމަވެސް އެ ރަށުގެ ވެރިންނަށް ނޭނގި ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކިޔާ ކުންފުންޏެއް ހަދާފައިވާ ކަމަށާއު އަދި އެ ނަމުގައި 300 އަށް ވުރެ ގިނަ ކޯޓާ ބޮޑުފިނޮޅު ޕްރޮޖެކްޓަށް ދޫކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައި ވާކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މުހުތާޒް ވިދާޅުވީ، ބޮޑުފޮނިޅު މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ޕޮލިސް ހެޑްކުއާޓާސްގައި ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުނީގެ ނަމުގައި ރިޒް ކުންފުނިން އެދިގެން 300 ކޯޓާ ދޫކުރެވިފައިވާ ކަމަށެވެ. އަދި އެއީ މި އަހަރުގެ 20 ނޮވެމްބަރަށް ހަމަވާ ގޮތަށް ދޫކޮށްފައިވާ ކޯޓާ ކަމަށް އިކޮނޮމިކް މިނިސްޓްރީއާ ހަވާލާދީ މުހުތާޒް ވިދާޅުވިއެވެ. އެ 300 ކޯޓާގެ ތެރެއިން 227 ކޯޓާއަށް މީހުން ގެނެސްފައިވާ ކަަމަށާއި އޭގެ އިތުރުން ރީރެގިއުލޭޝަން ޕްރޮގްރާމްގެ ދަށުން 103 ކޯޓާ ދޫކުރެވިފައިވާ ކަމަށް ވެސް މުހުތާޒް ވިދާޅުވިއެވެ.
ނަމަވެސް މިއިން އެއްވެސް މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ފޯރުކޮށްދީފައި ނުވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ. ނަމަވެސް އަމިއްލައަށް ބެލިބެލުމުގައި ރިޒްކުންފުނި ވަނީ ބްލެކްލިސްޓް ކޮށްފައިވާ ކަން އެނގިވަޑައިގެންނެވި ކަމަށް މުހުތާޒް ވިދާޅުވިއެވެ. ކޯޓާ ލިބުމުގެ މައްސަލަތަކެއް ރިޒްކުންފުންޏަށް ދިމާވީ ބްލެކްލިސްޓް ކޮށްފައި އޮތުމުން ކަމަށް ވާތީއާއި ބޮޑުފިނޮޅުގެ ވެރިންނަށް ނޭނގި އެ ނަމުގައި ކުންފުންޏެއް ހަދައި ކޯޓާ ހޯދާފައިވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ. އެހެންވީމާ މިކަމަށް ކަމާ ބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ.
މުހުތާޒް ވަނީ މި ކަމާ ގުޅުން ހުރި ދެ ލިޔެކިޔުމެއް ޓްވިޓާގައި ޝާއިއުކުރައްވައިފައެވެ. އެގޮތުން ބޮޑުފިނޮޅު ހޮޓެލްސް އެންޑް ރިޒޯޓްސް ކުންފުންޏަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ރަޖިސްޓާ ކޮށްފައިވާ ކުންފުންޏެއްކަން އަންގައިދޭ އެ ކުންފުނީގެ ޕްރޮފައިލް އިން ދައްކާ ގޮތުގައި ޝެއާ ހޯލްޑަރުންގެ ގޮތުގައި ތިބީ، އަހުމަދު ހައިޝަމް އާއި މަހްފޫޒް އިބްރާހިމް ކިޔާ ބައެކެވެ.
ހަމައެއާއެކު ސީލް މޯލްޑިވްސްއިން ބ. ބޮޑުފިނޮޅު ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ މައި ކޮންޓްރެކްޓަރަކަށް ރިޒް ކުންފުނި ހަމަޖައްސާފައިވާ ކަމުގެ ލިޔުމުގައި ވާ ގޮތުގައި އެ ގޮތަށް ހަމަޖައްސާފައި ވަނީ މިދިޔަ އަހަަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
މިމަހުގެ 2 ވަނަ ދުވަހު ބ އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. 200 އަށް ވުރެ ގިނަ ބިދޭސީން އެތާ ތިބި އިރު އެމީހުން ހަމަނުޖެހުން ހިންގީ 6 މަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެއެވެ. އެމީހުންގެ މައްޗަށް ވައްކަމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ކުރާއިރު، އެ ބިދޭސީން ވަނީ މުސާރަ ނުދޭ ކަމަށާއި އެކަމާ ޝަކުވާ ކުރުމުން މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ބުނެފައެވެ. އެ ބިދޭސީންނަކީ ރިޒް ކުންފުނީގެ މީހުންނެވެ.
އެ ހަމަނުޖެހުމުގައި އެރަށަށް އަރަން އުޅުނު ފުލުހުންގެ ބަޔަކަށް އަނިޔާވެފައި ވާއިރު، ހަމަނުޖެހުން ހައްލު ކުރުމަށް ފުލުހުންނަށް އެރަށަށް އެރުނީ މާލެއިން ފުލުހުންގެ ޓީމެއް ގޮސްގެން ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. އެ ހަމަނުޖެހުމުގައި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތުވެސް ކޮށްފައެވެ.
މީގެ އިތުރުން ރިޒާގެ ކުންފުނި، ރިޒް ކޮމްޕެނީއަށް ވަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތު ކޮށްފައެވެ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގައެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަމުގެ ޒިންމާ ނަގަންޖެހޭނެ، އެބުނާ ކޮމްޕެނީ އެއްގެ ވެރިންނާމެދު ސަރުކާރުން ފިޔަވަޅު އަޅަންވެސްޖެހޭނެ.