މާލޭ ސިޓީގެ މިސްކިތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވިގޮތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައިވަނީ މިސްކިތައް ނަމާދަށް އަންނަ މީހުންނާއި، ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ގައިޑްލައިނެއް އާންމުކުރުމާއެކުގައެވެ. ނަމަވެސް މިސްކިތަށް އަރާ މީހުން އެ ގައިޑްލާ އެއްގޮތަށް އަމަލުނުކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން މިސްކިތަށް ދާއިރު މާސްކް ނޭޅުމާއި، މުސައްލަ ނުގެނައުމުގެ މައްސަލައަށް ވަނީ އަލި އަޅުވާލާފައެވެ. އަދި ނަމާދުގައި ތިބޭ މީހުން މާބޮޑަށް ގާތްގާތުގައި ތިބޭ މައްސަލަ އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީން ކަނޑައަޅާފައިވާ ކަންތައްތަކަށް ސަމާލުކަން ނުދޭނަމަ އިތުރަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި މާލެ ސިޓީގެ މޭޔަރު ވަނީ އެ ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި އެކަމާއި ހަވާލުވެފައިވާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރައްވާކަމުގައިވެސް މޭޔާ ވިދާޅުވިއެވެ.

މިސްކިތްތަކުގައި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުން ގުޅިގެން އިތުރަށް މަސައްކަތްކުރުމަށް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.