މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ޖީއެމްޓީ ގަޑިން މެންދަމު 02:29 ވުމާ ހަމައަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 213 ލޮކޭޝަނަކުން، 13035942 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވާ ގައުމުތައް

  1. އެމެރިކާ: 3413995 ޖުމުލަ ކޭސް | 1759129 އެކްޓިވް ކޭސް
  2. ބްރެޒިލް: 1866176 ޖުމުލަ ކޭސް | 580513 އެކްޓިވް ކޭސް
  3. އިންޑިއާ: 879466 ޖުމުލަ ކޭސް | 301850 އެކްޓިވް ކޭސް
  4. ރަޝިއާ: 727162 ޖުމުލަ ކޭސް | 214766 އެކްޓިވް ކޭސް
  5. ޕެރޫ: 326326 ޖުމުލަ ކޭސް | 97345 އެކްޓިވް ކޭސް

ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 4882336 މިލިއަނަށް އަރާއިރު، 4.8 މިލިއަން މީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް 58929 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑް ތަކުން ދައްކައެވެ.

ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކަށް ބަލާއިރު 7582035 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، 571571 މީހަކު މި ބަލީގައި މަރުވި ކަމަށް ރެކޯޑް ކޮށްފައިވެއެވެ.

ކޮވިޑް-19އަށް ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ފަހުގެ ހޯދުންތަކަށް ބަލާއިރު ކޮވިޑް-19 ޖައްސާ ވައިރަހުގެ ސަބަބުން ނުރައްކާ ކުރިމަތިވަނީ ހަމައެކަނި ނޭވާލާ ނިޒާމަކަށް ނޫނެވެ. ހިތާ، ކިޑްނީ އަދި ލިވާ ފަދަ އެތެރެ ހަށީގެ ގުނަވަންތަކުގެ އިތުރުން ސިކުނޑިއަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ފޯރާކަމަށް ސައެންސްގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ކޮވިޑް-19އަކީ އާދައިގެ ހުމުގެ ރޯގާއެއް ކަމަށް ދެކި، އަޅާނުލާ ދޫކޮށްލެވެން ނެތް އެންމެ ބޮޑު އެއް ސަބަބަކީ، މި ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދިވެސް ދެނެގަނެވިފައި ނެތުމާ، މި ބަލިން ދިފާއުވާނެ ވެކްސިނެއްވެސް ލިބިފައި ނެތުމެވެ.