ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ފަހަތުން އަރާ ލެސްޓާ ސިޓީ ކޮޅަށް ހަތަރު ލަނޑު ޖަހާ ބޯންމޮތް މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ލެސްޓާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރުން ފޯވަޑް ޖޭމީ ވާޑީއެވެ. މިއީ މިސީޒަންގައި އޭނާ ލެސްޓާއަށް ކާމިޔާބުކޮށްދިން 23 ވަނަ ލަނޑެވެ.

ރެލިގޭޝަނާ ހަނގުރާމަކުރަމުން އަންނަ ބޯންމޮތަށް ފުރަތަމަ ހާފްގައި މާ މޮޅު ކުޅުމެއް ނުދެއްކުނު އިރު ދެވަނަ ހާފްގެ ފަހު 30 މިނެޓްގައި އެޓީމުން ވަނީ ހިތްގައިމު ކުޅުމެއް ދައްކާފައެވެ. މި ގޮތުން މެޗުގެ ސްކޯ 1-1 އަކަށް ހަދާ ދިނީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 66 ވަނަ މިނެޓްގައި ޖޫނިޔާ ސްޓެނިސްލާސްއެވެ.

އޭގެ މިނެޓެއް ފަހުން 67 ވަނަ މިނެޓްގައި ބޯންމޮތްގެ ޒުވާން ފޯވަޑް ޑޮމިނިކް ސޮލާންކީ ވަނީ ލަނޑެއް ޖަހާ ސްކޯ 2-1 އަކަށް ހަދާފައެވެ. މި ލަނޑަށް ފަހު ގޯލުން ބޯޅަ ނަގަތް ދިޔަ ބޯންމޮތްގެ ފޯވަޑް ކެލަމް ވިލްސަންއާ ލެސްޓާގެ ޑިފެންޑަރު ސޮޔާޗޫއާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހު މެޗުގެ ރެފްރީ ވަނީ ލެސްޓާގެ ޑިފެންޑަރަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ލެސްޓާގެ ކޮޅަށް ބޯންމޮތުން އިތުރު ދެ ލަނޑުޖަހާ 4-1 ގެ ނަތީޖާ ކަށަވަރުކުރީ މެޗު ނިމެން ދަނިކޮށެވެ.

މެޗުގެ 83 ވަނަ މިނެޓްގައި ސްޓެނިސްލާސް ޖެހި ޝޮޓް ލެސްޓާގެ ޑިފެންޑަރު ޖޯނީ އެވަންސްގެ ފައިގާ ޖެހި ބައިކޮޅަށް ވަތް އިރު 87 ވަނަ މިނެޓްގައި ސޮލާންކީ ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ.

ރޭގެ މެޗުގައި ސޮލާންކީި ވަނީ ދެ ލަނޑު ޖަހާފަ

މި މެޗުން މޮޅުވެ ބޯންމޮތް މިވަނީ އަންނަ ސީޒަންގައި ވެސް ޕްރިމިއާ ލީގުން ޖާގައެއް ކަށަވަރުކުރަމުންދާ މަސައްކަތުގައި މުހިއްމު ތިން ޕޮއިންޓް ހޯދާފައެވެ. މެޗުގެ ކުރިން ތާވަލުގައި އެޓީމާ ގާތުގައި ހުރި އެހެން ޓީމުތަކުން މުހިއްމު ނަތީޖާތަކެއް ނެރެ ރެލިގޭޝަނާ ދުރަށް ދިޔަ ނަމަވެސް ހަތަރު ވަނައިގައި އޮތް ލެސްޓާ ބަލިކޮށްގެން ބޯންމޮތް މިވަނީ ރެލިގޭޝަނުން ސަލާމަތްވުމާ ތިން ޕޮއިންޓް ގާތަށް ޖެހިލާފައެވެ.