އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު ނޯތް ލަންޑަން ޑާބީގައި 2-1 އަކުން ޓޯޓެންހަމް އާސަނަލް ބަލިކޮށްފިއެވެ.

މި މެޗުގެ 16 ވަނަ މިނެޓްގައި ލަނޑު ޖަހާ ލީޑު ނެގީ އާސަނަލުންނެވެ. ފަރަންސޭސި ފޯވަޑް އެލެގްޒެންޑާ ލަކަޒެޓްގެ މިލަނޑަކީ ގޯލް އޮފް ދަ ސީޒަންއަށް ވާދަ ކުރާނެ ފަދަ ހިތްގައިމު ލަނޑެކެވެ.

ރޭގެ މެޗުގައި އާސަނަލްގެ ލަކަޒެޓް ލަނޑު ޖަހަނީ

އާސަނަލްއިން މި ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ އެޓީމުގެ ޑިފެންސަށް ހެދުނު ކޮހަކުން ޓޮޓެންހަމްއަށް އެއްވަރު ކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ސޮންއެވެ.

މެޗުގައި އިތުރަށް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު ދެ ޓީމުން ފޮނުވާލި ދެ ޝޮޓެއް ވަނީ ދަނޑީގައި ޖެހި އަނބުރާ ނިކުމެފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރަކުން ޓޮޓެންހަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވައިރެލްޑެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނެޓްގައެވެ.

މި މޮޅާއެކު ޓޮޓެންހަމް މިވަނީ 52 ޕޮއިންޓާއެކު އާސަނަލްގެ ކުރިއަށް ތާވާލުގެ 8 ވަނަ އަށް އަރާފައެވެ. ރޭގެ މެޗުން ދަށްވި އާސަނަލް އޮތީ 50 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ. އަދި އެޓީމާ ތާވަލުގެ 4 ވަނައާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.