އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން 3-0 އަކުން ބަލިކޮށް ވުލްވްސް ތާވާލުގެ ހަ ވަނައަށް ޖެހިލައިފިއެވެ. މިއީ ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށް ފަހު ވުލްވްސްއަށް ލިބުނު މުހިއްމު ކާމިޔާބީއެކެވެ. މި މޮޅާއެކު އެޓީމު މިވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުމަށް ދެއްކެމުން އަންނަ ހުވަފެން ސީދާ ކުރުމުގެ އުއްމީދު އަލުން އާކޮށްފައެވެ.
މެޗުގައި ވުލްވްސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ރާއުލް ހިމެނޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ސްކޯ 2-0 އަށް ހަދާ ދިނީ ވުލްވްސްގެ ހުނަރުވެރި ކުޅުންތެރިޔާ ލިއެންޑާ ޑެންޑޮންކާއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފް ފެށިތާ އެއް މިނެޓްގެ ތެރޭގައެވެ. ވުލްވްސްގެ ތިން ވަނަ ލަނޑު އެޓީމަށް ޖަހާދިނީ މުޅި ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޮޓާއެވެ.
ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ވުލްވްސް މިވަނީ ތާވަލުގެ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑާ ތިން ޕޮއިންޓް ގާތަށް ޖެހިލާފައެވެ. އާއްމު ގޮތެއްގައި ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެނީ ގަދަ ހަތަރު ޓީމަށް ނަމަވެސް ތާވާލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކުރިއަށް އޮތް ދެ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަ ނުކުރެވޭނެ ގޮތަށް ސަސްޕެންޑްކޮށްފައި އަދި އޮތުމުން މި ސީޒަންގައި ތާވަލުގެ ފަސް ވަނައަށް ހޮވޭ ޓީމަށް ވެސް އަދި ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުން ބަލިވި އެވަޓަންއަށް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުއުފެއްދުނު އިރު މެޗުގެ ގިނަ ބައި އެޓީމުން ކުޅުނީ އަމިއްލަ ހާފްގައި ވުލްވްސްގެ ހަމަލާތައް ދިފާއުކުރުމުގައެވެ.
މިމެޗަށް ފަހު އެވަޓަން އޮތީ ތާވާލުގެ 11 ވަނައިގައެވެ. އަދި އަންނަ ސީޒަންގެ ޔޫރަޕާ ލީގުން ގާޖައެއް ލިބޭނެ ކަމަށް އެޓީމުން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ނުވާނެ ކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފައެވެ.