ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލާގައި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމެއްގައި ދައުލަތާ އެކު ސޮއިކުރީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދެވެން އޮތީ އެ އެއްބަސްވުމުގައި ސޮއި ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގައެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާގެ އަޑުއެހުމެވެ. އެގޮތުން މިއަދު އަޑުއެހުން ބާއްވާފައި ވަނީ އަދީބާއި ދައުލަތާމެދު އެކުލަވާލަފައިވާ ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ ދެ އެއްބަސްވުމާ ގުޅޭ އިޖުރާއީ ކަންކަން ސާފު ކުރުމަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، ޝަރީއަތުން އެ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކުރުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އެއްބާރުލުން ދިނުމުގެ އެއްބަސްވުން އެކުލަވާލީ އަދީބުގެ އެދުމުގެ މަތިން ކަމަށެވެ. އަދި ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދަ ގާނޫނީގޮތުން ރަނގަޅު ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް ވެސް އޮންނާނެ ކަމަށާއި ދައުވާތައް އުފުލީ އެ އެއްބަސްވުމުގެ ދަށުން ކަމަށް ވަކީލާ ފާހަގަކުރެއްވިއެވެ.

ޝަރީއަތުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ގްލްކޯމާ ޖެހިގެން ޖަލުގައި 3 އަހަރު ހޭދަކުރެއްވި ކަމަށާއި، އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައިގެން ވެސް ބޭރަށް ދާން ދިން ލަފައާ އެއްގޮތަށް ބޭސް ފަރުވާގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ފޮނުވީ، އެގްރީމެންޓްގައި ސޮއި ކުރުމުން، ކަމަށާއި އެއްބަސްވުމުގައި ސޮއި ކުރީ އިތުރު ގޮތެއް ނެތުމުން ކަމަށް އަދީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އެއްބަސްވުން އެކުލަވާލީ އޭސީޕީ ރިޔާޟް އަދި ކުރީގެ ޕީޖީ އައިޝަތު ބިޝާމްގެ އެދުމުގެ މަތިން ކަމަށެވެ.

އަދީބު ވިދާޅުވީ ތަހުގީގަށް އެއްބާރުލުން ދޭން އޭނާ ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ގުޅޭގޮތުން އިޖްރާއީ އެތައް މައްސަލައެއް އޭނާގެ ވަކީލު ފާހަގަކުރައްވަމުން ގެންދަވަނިކޮށް، އެއްބަސްވުމުގައި ސޮއިކުރީ ބޭސްފަރުވާއަށް ކޮންމެހެން ދާން ބޭނުންވާތީ ކަމަށް އަދީބު ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި މީހަކު ބޭސްފަރުވާ އަށް ފޮނުވަން ޝަރުތުކޮށް، ޕީޖީއަށް އެއްބަސްވުމެއް ހެދެނީ ކޮން ހަމައަކުންތޯ ޝަރީއަތުން ސުވާލު ކޮށްފައިވާއިރު، ގާނޫނު އަސާސީން ޕްރޮސެކިއުޓާ ޖެނެރަލަށް ދީފައިވާ ޒިންމާތަކުގެ ދަށުން އެފަދަ ޝަރުތެއް ހިމަނައިގެން އެއްބަސްވުމެއް ހަދަން ހުރަހެއް ނެތް ކަމަށް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފައެވެ.

މިކަމުގައި އޭނާގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސްއެޅިކަން ފާހަގަ ކުރައްވާ އަދީބު ވިދާޅުވީ، ބޭސްފަރުވާއަށް ހުރަސް އަޅައިގެން ދައުލަތުގެ މައްޗަށް ކުރި ދައުވާއެއް މިހާރުވެސް ހައިކޯޓުގައި އޮންނާނެ ކަމަށާއި، ޖަލު ގޮޅިއަށް ވެއްޓުމުން ވެސް ބޭސްފަރުވާ ކުރުމުގެ ފުރުސަތެއް ދީފައި ނުވާ ކަމަށެވެ. އަދި ބޭސްފަރުވާއަކީ ޕެރޯލް ގާނޫނުގެ ދަށުން ލިބެން ޖެހޭ ހައްގެއް ކަމަށްވީ ނަމަވެސް އެކަމުގެ ތެރެއަށް ޕީޖީ ވަނދެ އެގްރީމަންޓެއް ހަދާ ޝަރުތުކޮށްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ޝަރީއަތުން ބުނީ ދެން އަންނަ އަޑުއެހުމެއްގައި އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީއަތުން ނިންމާ ގޮތެއް އަންގަވާނެ ކަމަށެވެ. އެގޮތުން ދެން އަޑުއެހުމެއް ބާއްވާނީ އަންނަ އަންގާރަ ދުވަހު ކަމަށް ޝަރީއަތުން ވަނީ އިއުލާންކޮށްފައެވެ.

އަދީބުގެ މައްޗަށް ކުރާ 7 ދައުވާއަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.