މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ދަށްވާން ފެށުމާއެކު ލޮކްޑައުންގެ ހަރުކަށި އުސޫލުތަކަށް ދާދިފަހުން ލުއި ދިން އަވަށްޓެރި ސްރީލަންކާއިން އަނެއްކާވެސް ގިނަ އަދަދެއްގެ ކޭސްތަކެއް ފެންނަން ފަށައިފިއެވެ.

އަނެއްކާވެސް ގިނަ އަދަދަކަށް ކޭސްތައް ފެންނަން ފެށުމާއެކު، 500 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް، ކޮވިޑް-19 ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހާއްސަ ފީލްޑް-ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާ ކަމަށް ސްރީލަންކާގެ އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.

އާމީ ޗީފް ޝަވޭންދްރާ ސިލްވާ ވިދާޅުވީ، އަސްކަރިއްޔާއިން އޮޕަރޭޓް ކުރަމުން ދިޔަ ކަންޑަކަޑު ފެސިލިޓީ، ކޮވިޑް-19 ހޮސްޕިޓަލަކަށް ބަދަލުކުރަންޖެހުނީ ބުރާސްފަތި ދުވަހުން ފަށައިގެން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވަމުން ދިއުމުގެ ސަބަބުންނެވެ.

ސިލްވާ ވިދާޅުވީ، ކަންޑަކަޑު އަވަށުގައި ހިންގަމުންދިޔަ ރީހެބިލިޓޭޝަން ސެންޓަރެއްގައި ތިބި 253 ގައިދީއަލު ފީލްޑް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ. އިތުރު 97 މީހަކު ހުކުރު ދުވަހުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައވާކަމަށާ މީގެ ތެރެއިން 87 މީހުންނަކީ ރީހެބަށް ނިސްބަތްވާ މީހުން ކަމަށްވެސް ސިލްވާ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ރީހެބްގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވަނީ އެ ސެންޓަރުން މައި ޖަލަށް ބަދަލު ކުރި ގައިދީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނު ހިސާބުންނެވެ. މިއާއެކު ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލިމަޑުކަން ފެތުރެން ފެށިފަހުން ރީހެބުން ދޫކޮށްލި ގައިދީންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާއިން ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހު، އެގައުމުގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައެވެ.