ދުނިޔޭގައި ފެތުރިފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިސީޒަންގެ ޔޫ.އެފް.އާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުޅުން ވެސް މެދުކަނޑާލާފައިވާ އިރު މި ސީޒަންގެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުވަތު ނަގައިފިއެވެ.

ކުއާޓާ ފައިނަލްގެ ގުރުއަތު ނަގާފައި މިވަނީ ގަދަ 16 ގެ ބައެއް މެޗުތައް އަދި ނުކުޅެ ހުއްޓާ ކަމަށްވާ އިރު ކުއާޓާ ފައިނަލްގެ ދެ މެޗެއްގެ ބައްދަލުކުރާނެ ޓީމުތައް އަދި ކަށަވަރު ނުވެއެވެ. މި ގޮތުން، ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި އެއްކޮޅު ބައްދަލުކުރާނީ އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީއާ ސްޕެއިންގެ ރިއަލް މެޑްރިޑްގެ ތެރެއިން މޮޅުވާ ޓީމަކާ އިޓަލީގެ ޔުވެންޓަސް އަދި ފަރަންސޭސި ޓީމު ލިޔޯންގެ ތެރެއިން މޮޅުވާ ޓީމަކާއެވެ.

ސިޓީއާ ރިއަލް މެޑްރިޑް ބައްދަލުކުރާ މެޗުގެ ފުރަތަމަ ލެގުގައި ސިޓީ ވަނީ 2-1 އެއްގެ ލީޑެއް ނަގާފައެވެ. މި ޓައިގެ ދެވަނަ ލެގު ކުޅެން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

ލިޔޯންއާ ޔުވެންޓަން ބައްދަލުކުރާ ޓައިގެ ފުރަތަމަ ލެގުގައި 1-0 އަކުން ލިޔޯން ކުރި ހޯދި އިރު ދެވަނަ ލެގު އޮންނާނީ ވެސް އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ވާދަ ކުރާނީ ގަދަ 16 ގައި މިދިޔަ ސީޒަންގެ ޗެމްޕިއަން އަދި މިސީޒަންގެ އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކުރި އެތްލެޓިކޯ މެޑްރިޑާ ޖަރުމަނު ޓީމު އާރް.ބީ.ލައިޒްޕިގްއެވެ..

ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ބައްދަލުކުރާ ޓީމުތައް ވެސް އަދި ކަށަވަރު ނުވާ އިރު މި މެޗުގައި ބައްދަލުކުރާނީ އިޓަލީގެ ނަޕޮލީ އާ ސްޕެއިންގެ ބާސަލޯނާގެ ތެރެއިން މޮޅުވާ ޓީމަކާ އިނގިރޭސިވިލާތުގެ ޗެލްސީއާ ޖަރުމަނުވިލާތުގެ ބަޔާން މިއުނިކްގެ ތެރެއިން މޮޅުވާ ޓީމެކެވެ. ނަޕޮލީއާ ބާސަލޯނާ އެންމެ ފަހު ކުޅުނު މެޗުން 1-1 އަކުން އެއްވަރުވީ އިރު ދެން ދެޓީމު ވާދަ ކުރާނީ އަންނަ މަހުގެ 8 ގައެވެ.

ކުއާޓާގައި ވާދަކުރުމަށް ޗެލްސީއަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ ބަޔާން މިއުނިކްއާ އެޓީމުން ވާދަ ކުރި ފުރަތަމަ މެޗުން 3-0 އަކުން ބަލިވެފައި އޮތުމުންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 8 ގެ ފަހު މެޗުގައި ވާދަ ކުރާނީ އިޓާލީގެ އެޓްލާންޓާއާ ފަރަންސޭސި ޗެމްޕިއަންސް ޕީ.އެސް.ޖީއެވެ.

މިސީޒަންގެ މުބާރާތުގެ ގަދަ އަށެއްގެ މެޗުތަކާ ސެމީ ފައިނަލް އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 12-23 އަށް ޕޯޗުގަލްގައި އޮންނަ ހާއްސަ މުބާރާތެއްގައެވެ. މިމުބާރާތުގައި ކޮންމެ މެޗެއް ވެސް ކުޅޭނީ ނޮކްއައުޓް މެޗެއްގެ ގޮތުގައެވެ.

ސެމީ ފައިނަލް މެޗުތައް 18 އަދި 19 އޮގަސްޓްގައި އޮންނަ އިރު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.