ބޭނުން ނުވެ ބަލިވެ އިންނަ އިނުން ހައްލު ކުރުމަށް އޮތް އެންމެ ފުރިހަމަ ގޮތަކީ އާއިލާ ރޭވުމުގެ ޒަމާނީ އުސޫލުތައް ބޭނުން ކުރުން ކަމުގައި ވީ ނަމަވެސް، ދޭތެރެ ދުރު ކުރުމަށް ހާއްސަ ކޮށްފައިވާ ބޭހާއި ޑިވައިސްތައް ދިވެހިރާއްޖޭގައި ބޭނުން ކުރާ މިންވަރު ދަށްވަމުން އަންނަ ކަމަށް، އާބާދީއާ ބެހޭ އދގެ އިދާރާގެ ދިވެހިރާއްޖޭގެ ގޮފި (ޔޫއެންއެފްޕީއޭ މޯލްޑިވްސް) އިން ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދަރިމައިވުމާއި އާއިލާ ރޭވުމަށް ކޮށްފައިވާ އަސަރުތައް ބަޔާންކޮށް ޔޫއެފްޕީއޭ މޯލްޑިވްސްއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތު (އެސްއާރްއެޗް) ޕްރޮގްރާމްގެ ކަވަރޭޖު ވަނީ ކޮވިޑް-19އާ އެކު ހަނިވެފައެވެ. ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ހޯދުމާއި، އާއިލާ ރޭވުމާ ބެހޭ ހިދުމަތްތައް ހޯދުމަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ހުރަސްތަކުގެ ނޭދެވޭ އަސަރު، އެސްއާރްއެޗް މަޝްރޫއުތަކަށް ކުރާނެ ކަމަށްވެސް ޔޫއެންއެފްޕީއޭ މޯލްޑިވްސްއިން ވަނީ އިންޒާރު ކޮށްފައެވެ.

މާބަނޑު މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސަރީ ލީޑާ

ކޮވިޑް-19ގެ ސަބަބުން މި ކުރިމަތިވި ނޭދެވޭ ގެއްލުންތަކުގެ އަސަރު، މިހިނގާ 2020 ވަނަ އަހަރަށް ވުރެވެސް ދުރަށް ފޯރާނެ ކަމަށާ، އެހެންކަމުން، ގައުމީ ފެންވަރުގައި މިހާރު ހިންގާ އެސްއާރްއެޗް މަޝްރޫއުތައް އިތުރަށް ވަރުގަދަކޮށް، ހަރުދަނާ ކުރުމަށްވެސް ޔޫއެންއެފްޕީއޭ މޯލްޑިވްސްގެ ރިޕޯޓްގައި ވަނީ ގޮވާލާފައެވެ.

ދޭތެރެ ދުރު ކުރުމުގެ އާލާތްތަކާ ބޭސް، ރާއްޖޭގައި ބޭނުން ކުރާ މިންވަރު ދަށްވަމުން އަންނަކަން ފާހަގަކޮށް، ޔޫއެންއެފްޕީއޭއިން ބުނީ، ކައިވެނި ކޮށްގެން އުޅޭ އަންހެނުންގެ މެދުގައި މިފަދަ ވަސީލަތްތަކަށް އަހުލުވެރިކަން އޮތް މިންވަރު 39 ޕަސެންޓަށް އިތުރު ކުރުމަށް 2018 ވަނަ އަހަރަށް ކަނޑައެޅި އަމާޒުވެސް ދިވެހިރާއްޖެއަށް ހާސިލުކުރެވިފައި ނުވާ ކަމަށެވެ.

ހަމަ މިއާއެކު ދަރިމައިވުމުގެ ރޭޓް ދަށްވަމުންދާ ދިއުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށާ، އާންމު ގޮތެއްގައި ދަރިމައިވުމުގެ ރޭޓު ދަށްވަނީ ދޭތެރެ ދުރުކުރާ ވަސީލަތްތަކާ އާލާތްތަކުގެ ސަބަބުން ކަމަށްވެފައި، ރާއްޖޭގައި އެފަދަ ކަންކަމަށް އޮތް ޑިމާންޑް އިތުރުވަމުން ނުދިއުން ކަމަށްވެސް ޔޫއެފްޕީއޭ މޯލްޑިވްސްއިން ފާހަގަކުރެއެވެ.

ބަނޑުގައި ދަރިފުޅު ޣަރުބަގަނެފައިވާގޮތް ދައްކުވާދޭ މޮޑެލްތަކެއް/ފޮޓޯ: އެންވައިޕީ

ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ރާސްތާއަށް ބަލާއިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި އާންމު ސިއްހަތުގެ ދާއިރާއަށް ނޫންކަމަށާ، ނަމަވެސް ދިގު މުއްދަތުގެ ތަރައްގީއަށްވެސް މި ބަލިމަޑުކަމުގެ ސަބަބުން، ނޭދެވޭ، ސީރިއަސް އަސަރުތަކެއް ކުރާނެ ކަމަށް ދިވެހިރާއްޖޭގައި ހުންނަވާ އދގެ ކުޑަކުދިންގެ ޖަމިއްޔާ (ޔުނިސެފް)ގެ މަންދޫބު ޑރ މުނީރު ސަފީލްދީންވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރާއެކު ފާއިތުވި ދުވަސްތަކުގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި މަންޒަރު ފެނިގެންދިޔަ ކަމަށާ، ރައްކާތެރި ކަމާއެކު ފޯރުކޮށްދެވޭ އަސާސީ ސިއްހީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސްކޮށްދެވެން ޖެހޭ ކަމަށްވެސް ޔުނިސެފް މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ.

ލޮކްޑައުންގެ މުހުލަތުގައި ކައިރި ކައިރީގައި ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިދިޔަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން "ދަ ޕްރެސް" އިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދެމުން ޔުނިސެފް މޯލްޑިވްސްއިން ބުނީ ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭ އެންމެ ފުރިހަމަ އަސާސީ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު މިހާރުން މިހާރަށް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށެވެ. ނޫންނަމަ ކުޑަކުދިންގެ ސިއްހަތާ އެކުދިންގެ ހެދިބޮޑުވުމާ ގުޅިގެން ދިވެހިރާއްޖެއިން މިހާތަނަށް ހޯދި ކުރިއެރުންތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާތަން ފެންނަން ފަށާފާނެ ކަމަށްވެސް ޔުނިސެފް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.