ހަމަނުޖެހުންތައް ބޮޑުވެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާ ސޫރިޔާގެ އިދްލީބު ޕްރޮވިންސުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ފުރަތަމަ ކޭސް ރިޕޯޓް ކުރުމާއެކު، ރެފިއުޖީ ކޭމްޕުތަކުން ތޮއްޖެހިފައިވާ މި ސަރަހައްދުގައި ބަލިމަޑުކަމުގެ ހުޅު ފަޅައިގެން ހިނގައިދާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވެއްޖެއެވެ.

އެހީދޭ ޖަމާއަތްތަކުން މައުލޫމާތު ދޭ ގޮތުގައި އިދްލީބުން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ، ތުރުކީވިލާތާ އެކު ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ހުރި ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއް ކަމަށެވެ.

ޑޮކްޓަރު މިހާރު ހުރީ އައިސޮލޭޝަންގައި ކަމަށާ، އޭނާގެ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށްވެސް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.

ތުރުކީވިލާތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އޮފިޝަލަކު ވިދާޅުވީ، ޕޮޒިޓިވްވި ޑޮކްޓަރު މަސައްކަތް ކުރަމުން ދިޔަ ހޮސްޕިޓަލް މިހާރު ބަންދު ކޮށްފަ ވާ ކަމަށެވެ.

ސޫރިޔާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަހައްދުގެ ގޮތުގައި ސިފަކުރަމުން އަންނަ އިދްލީބު ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމަށް، ރައީސް ބައްޝާރު އަލް-އަސަދަށް އެއްބާރުލުން ދޭ އަސްކަރިއްޔާއިން ރަޝިއާގެ އެހީއާއެކު ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުން ދާއިރު، މި ސަރަހައްދުގައި ކޮވިޑް-19 ފެތުރިގެން ދިއުމަކީ އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމުގެ އިންޒާރު، އެހީދޭ ޖަމާއަތްތަކުން ދެމުންދާތާ މިހާރު އެތައް މަހެއް ވެއްޖެއެވެ.

މިވަގުތަކީ އިދްލީބުގައި ހަމަލާ ބަދަލު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ދަނޑިވަޅެކެވެ. ނަމަވެސް ސިއްހީ ނިޒާމު އިނދަޖެހިފައި އޮތުމާއި، ތޮއްޖެހިފައިވާ ކޭމްޕުތަކުގައި އިންތިހާ ނިކަމެތި ހާލުގައި އެތައް ސަތޭކަ ހާސް މީހުންނެއް ދިރިއުޅެން މަޖުބޫރުވެފައި އޮތް އިދްލީބުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ހަމަލާ ބަދަލު ކުރުންތައް ހުއްޓާލާފައި އޮތް އޮތުން ދެމިގެންދާން ޖެހޭނެ ކަމަށް، ބައިނަލްއަގުވާމީ ހިލޭ އެހީ ދޭ ޖަމިއްޔާ 'ސޭވް ދަ ޗިލްރަން' އިން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުރީ އެންމެ ފެސިލިޓީއެއް ކަމަށް ޚަބަރު ލިބެއެވެ.