މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އައިޖީޢެމްއެޗްގެ ނަރުހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީޢޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އައިޖީއެމްއެޗް ކްލަސްޓާއިން އިތުރު މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަަމށާއި އެއީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ. މއަދި މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނި ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ކުރިން ނުށްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. މި ކޭސްއާ އެކު މިހާރު އައިޖީއެމްއެޗްގެ ކޭސް މި ވަނީ 16 އަށް އަރާފައެވެ. އެއީ 7 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިންނެވެ.

މީގެ އިތުރުން މިއަދު ޓްރީޓޮޕްގެ ނަރުހެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބީއެމްއެލްގެ ދެ ސްޓާފުންނާއި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުލޫންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 942 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1996 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 228 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުންނާއި ސްރީލަންކާގެ 19 މީހުންނެވެ.