ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިއުލާނު ކުރެވުނު ފުރަބަންދުގެ ހާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އާންމު ދިރިއުޅުން ބަހައްޓަންވީ ގޮތްތަކާއި، މީހުން ހޭލުންތެރިވެ ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރެއްވުނު ކަމަށާއި ސިއްހީ ދާއިރާއިން އެކަމަށް ވަމުންދާ ތައްޔާރީތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން އެ ކަންކަމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުންވެސް ބައްދަލުވުމުގެ ބައިވެރީންނާއި ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު އުވާލުމަށްފަހު ކޮވިޑް-19 ގެ ހާލަތު ބަދަލުވަމުންދާ ގޮތް ގާތުން ބެއްލެވުމަށް ސިލްސިލާ ގޮތަކަށް ބާއްވަވަމުން ގެންދާ ބައްދަލުކުރެއްވުމެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ރައީސްގެ ނައިބު ފައިސަލް ނަސީމާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި، ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއި، ސިއްހީ ދާއިރާގެ މާހިރުން އަދި ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ވެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.