މާލޭގެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ސިޓީ ކައުންސިލްގެ މެންބަރަކު މިއަދު ހުށަހަޅުއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެޖެންޑާކުރަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލްގެ ޖަލްސާގައެވެ. ވޯޓު ނެގުމުގެ ކުރިން ކަންތައްތަކެއް ރަނގަޅުކުރަން ޝިފާ އަށް 10 ދުވަހުގެ މުހުލަތެއް ދޭއިރު، އިތުބާރު އޮތްތޯ ބެލުމަށް ވޯޓަށް އަހާނީ އެ މުއްދަތުގައި ކަންތައްތައް ރަނގަޅު ނުކޮށްފިނަމަ ކަމަށްވެސް ވަމީ މައުލޫމާތު ލިބިފައެވެ.

މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވާއިރު، ސިޓީ ކައުންސިލްގެ ޖަލްސާ ކައުންސިލަރުންނާއި މޭޔަރު ޝިފާ މުހައްމަދާ ދެމެދު ހިޔާލި ތަފާތުވެ، މައްސަލަ ބޮޑުވެ ކުރިޔަށް ނުގެންދެވި ބައެއް ޖަލްސާ ތައްވެސް ވަނީ ހުއްޓާލައިފައެވެ.

ގިނަ ގަޑިއިރު ތަކަކަށް ބެހިގެންދިޔަ އެ ޖަލްސާގެ ބަހުސް މެދުކަނޑާލާފައި ވާއިރު، މާލެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާ އެއްގައި އާންމުންގެ މީހުންވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ ޖަލްސާވެސް މެދުކަނޑާލާފައެވެ.

މާލޭގެ ރައްޔިތުންނާއިއެކު ބޭއްވި ޖަލްސާ މެދުކަނޑާލާފައި ވަނީ މާލޭގައި ބޯހިޔާވަހި ކަމަށް ވުރެ މާލޭގެ ރައްޔިތުންނަށް ޕާކުތަށް އެޅުމަށް އިސްކަން ދިނުމުގެ ސަބަބުން އެކަމާ ހިތްހަމަ ނެޖެހިގެން ކަމަށް އޭރު ވާހަކަ ދެކެވުނެވެ. ހަމައެއާއެކު މާލޭ މީހުން ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށް ބުނެ ނުރުހުން ފާޅުކުރުމަށް މަގުމަތީގައި ވަނީ ބޯޑު ހިފަހައްޓައިގެން އެމިޙުންގެ ޝުއޫރުތައް ފާޅު ކުރަމުން ޕިކްޕި ބުރުވެސް ޖަހައިފައެވެ.