ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. މާމިގިލީގައި އޭޓީއެމް ސެންޓަރެއް ގާއިމްކޮށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާކޮށްފިއެވެ.

ބީއެމްއެލުން ބުނީ، އަތޮޅުތެރޭގައި ބޭންކިންގް ހިދުމަތް ފުޅާކުރުމުގެ ގޮތުން އޭޓީއެމް ސެންޓަރުތައް ގާއިމް ކުރަން ނިންމާފައިވާ ޕްލޭންގެ ދަށުން އދ. މާމިގިލީގައި އައު އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

އދ. މާމިގިލީގައި އޭޓީއެމް ސެންޓާރެެް ގާއިމްކޮށްފައިވާ އިރު ސ. ހުޅުމީދޫގައި ހުރި އޭޓީއެމް ސެންޓާރުވެސް ވަނީ ބީއެމްއެލުން 24 ގަޑިއިރު ހިދުމަތް ދެވޭގޮތަށް އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތްތައް އެކުލެވިގެންވާ ގޮތަށް އަޕްގްރޭޑް ކުރެވިފައެވެ.

ދާދި ފަހުން މާލެގައި ވެސް އާ އޭޓީއެމް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ. ކުރީގެ ސްތާ ސިނަމާ ހުރި ސަރަހައްދުގައި ހުޅުވިގެން ދިޔަ "ސްޓާ އޭޓީއެމް ސެންޓަރު" މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބޭނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެފައި ވަނީ، އަތޮޅު ތެރޭގައި ވެސް 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަން ކުރެވިގެން ދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފް ސާވިސް ބޭންކިން ސެންޓާ، 120 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑްވިސްއިން އަބަދުވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.