‏2 ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓް ޑޮކިއުމެންޓްގައި ދިވެހި ސަރުކާރާއި މާލޭގައި ހުންނަ އދގެ އޮފީހުން ސޮއިކޮށްފިއެވެ.‏

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވޯލް އެވެ.

މިއަދު ސޮއި ކުރި‏ ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސްޑީޖީ ފަންޑުން ހަރަދުކުރާ ޕްރޮޖެކްޓެކެވެ. މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވޯކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްރޫއަކީ މޫސުމީ ބަދަލުތަކާއި، އިޖްތިމާއީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު އެހީއެކެވެ. ‏

މިއަދު ސޮއި ކުރި ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އދ އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނާ ޓްރަސްޓް ފަންޑުންނެވެ. ކުރިއަށް އޮތް 5 މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެއެވެ.‏

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި އދގެ ފަރާތުން ފޯރުކޮށްދިން މި އެހީތެރިކަމަށް އެޖަމާއަތަށް ޝުކުރު އަދާކުރައްވާފައެވެ. ‏އދގެ ރެޒިޑެންޓް ކޯޑިނޭޓަރު ވަނީ ކޮވިޑް އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގަޔާއި، 2030 އެޖެންޑާ ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވިކުރުމަށް އދގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.