އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަންސް ލިވަޕޫލްއާ ބްރައިޓަން ބައްދަލުކުރި މެޗު 3-1 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 6 ވަނަ މިނެޓްގައި ލިވަޕޫލްއިން ވަނީ ލީޑު ނަގާފައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ކުރިއަށް ކުޅޭ މިސްރުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހެވެ.
އޭނގެ ދެ މިނެޓް ފަހުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑާސަން ދުރުން ގޯލަށް ޖެހި ޝޮޓް ވައްދާލައިގެން ސްކޯ 2-0 އަކަށް ހެދިއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރައިޓަންގެ ލިއާންޑްރޯ ޓްރޮސާޑް އެޓީމަށް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 އަކަށް ސްކޯ ހަދާ މެޗުން އެއްވަރުވުމުގެ ފުރުސަތު ބޮޑުކުރިއެވެ.
ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު އިރު ސީޒަން ފެށިފަހުން މެޗުގައި ބަދަލު ކުރެވޭނެ ކުޅުންތެރިއެއްގެ އަދަދަށް ގެނައި އިސްލާހްގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ އެއް ފަހަރަށް ގިނަ ބަދަލުތަކެއް ގެނެސް ޓީމުގެ ކުޅުން ވެސް ބަދަލުކޮށްލާފައެވެ. އަދި އެއަށް ފަހު ލިވަޕޫލްގެ ޑިފެންޑަރު އެންޑްރޫ ރޮބާޓްސަން ނަގާދިން ހުރަސް ބޮލުން ޖަހާ ވައްދާލައިގެން ސަލާހް ވަނީ ސްކޯ 3-1 އަކަށް ހަދާފައެވެ. މިއީ މިސީޒަންގައި ސަލާހް ޖެހި 19 ވަނަ ލަނޑެވެ. އަދި މެޗް ނިމެން ދިޔަ އިރު ހެޓްރިކް ހަދާނެ ފުރުސަތު ވެސް ސަލާހް އަށް ލިބުނު އިރު އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ޖެހިޖެހިގެން ތިން ވަނަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ.
މި މެޗުން މޮޅުވުމާއެކު ލިވަޕޫލަށް މިވަނީ 92 ޕޮއިންޓް ހޯދާފައެވެ. މިސީޒަންގައި މިހާތަނަށް ކުޅުނު 34 މެޗުން 30 މެޗް ލިވަޕޫލްއިން ކާމިޔާބުކުރި އިރު އެޓީމަކީ ލީގުގެ ތާރީހުގައި ވެސް އެއް ސީޒަންގައި ތިރީސް މެޗުން މޮޅުވި ފުރަތަމަ ޓީމެވެ. މިސީޒަންގައި ލިވަޕޫލް ބަލިވެފައިވަނީ އަދި އެއްވަރު ވެފައިވަނީ ވެސް ހަތަރު މެޗުންނެވެ.
3-1 އަކުން ބަލިވި ނަމަވެސް ރޭގެ މެޗުގަައި ބްރައިޓަންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މި ކަމުން އެޓީމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.