ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ކްރިސްޓަލްއާ ޗެލްސީ ބަދަލުކުރި މެޗު 3-2 އަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ. ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު 6 ވަނަ މިނެޓްގައި ޖަހާ ދިނީ ޗެލްސީގެ ފަރަންސޭސި ފޯވަޑް އޮލިވިޔޭ ޖިރޫ އެވެ. ފުރަތަމަ ހާފްގެ 27 ވަނަ މިނެޓްގައި ޗެލްސީގެ އެމެރިކާ ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިކް ޖެހި ލަނޑާއެކު 2-0 އަކަށް ސްކޯ ހެދިއެވެ.
އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން ޕެލެސްގެ ހުނަރުވެރި ފޯވަޑް ވިލްފްރިޑް ޒަހާ ޖެހި ލަނޑާއެކު އެޓީމަށް މެޗުން ޕޮއިންޓެއް ލިބޭނެ ކަމުގެ އުއްމީދުތައް އާވިއެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ހިތް ގައިމު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 71 ވަނަ މިނެޓްގައި ޗެލްސީގެ ފޯވަޑް ޓެމީ އަބަރަހަމްގެ ލަނޑާއެކު މެޗު 3-1 އަކުން ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް ޕްލެސްގެ ބެންޓެކޭ ޖެހި ލަނޑާއެކު ސްކޯ 3-2 އަކަށް ވިއެވެ.
މެޗުގެ ސްކޯ ހަމަހަމަ ކުރަން ޕެލެސްއިން މަސައްކަތްތައް ކުރި ނަމަވެސް ޗެލްސީއިން ވަނީ ލަނޑެއް ނުވައްދާ ހިފަހައްޓާ 3-2 އަކުން މެޗުން މޮޅުވެފައެވެ.
މިމެޗުން މޮޅުވެ ޗެލްސީއިން މިވަނީ ލީގު ތާވާލުގެ ތިން ވަނައަށް އަރާފައެވެ. އަދި ބާކީ ހަތަރު މެޗު އޮތް އިރު ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.
މެޗުން ދަށްވި ނަމަވެސް ސާޅިސް ދެ ޕޮއިންޓާއެކު ތާވާލުގެ 14 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސްއަށް ރެލިގޭޝަންގެ ބިރެއް ނެތެވެ. އެހެން ނަމަވެސް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި ވަތީ ކުޅުން ރަނގަޅުކުރަން ބޭނުންވާ ކަމަށް އެޓީމުގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.