ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމުން ނާރުތަކުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ފޯރާ ކަމަށް ޔުނިވާސިޓީ ކޮލެޖު ލަންޑަން (ޔޫސީއެލް) އިން 'ބްރެއިން' ޖާނަލްގައި އާންމު ކުރި ދިރާސާއެއް ބުނެފިއެވެ.

ނާރުތައް ހަލާކުވުމާ، ސިކުނޑިއަށް މައްސަލަތަކެއް ކުރިމަތިވުމާ، ސްޓްރޯކް ޖެހުން ފަދަ ހާލަތްތައް ކުރިމަތިވާކަމަށް މި ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

ކޮވިޑް-19 ޖެހޭ ގިނަ މީހުންގެ ހަށިގަނޑުން ފެންނަނީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ އަސަރުތަކެއް ކަމުގައި ވީ ނަމަވެސް، ދިރާސާގައި ބައިވެރިވި ބައެއް މީހުންގެ ހަށިގަނޑުން ފުރަތަމަ ފެނުނީ ނާރުތަކުގެ ނިޒާމަށް މައްސަލަތަކެއް ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ޔޫސީއެލް ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން ނުވަތަ އެ ބައްޔަށް ޝައްކު ކުރެވިގެން އެޑްމިޓްކުރި 43 މީހުންގެ ތެރެއިން 10 މީހެއްގެ ކިބައިން ޑެލީރިއަމް، 12 މީހެއްގެ ކިބައިން ބްރެއިން އިންފްލަމޭޝަންގެ އަސަރު އަދި 8 މީހެއްގެ ކިބައިން ސްޓްރޯކް އަދި 8 މީހެއްގެ ކިބައިން ނާރުތައް ހަލާކުވުމުގެ މައްސަލަ ފެނިފައިވެއެވެ.

މީގެ ތެރޭގައި ބަލިން ރަނގަޅުވިކަމަށް ބަލާ ގެއަށް ފޮނުވާލި މީހުންވެސް ހިމެނެއެވެ. އެގޮތުން ގެއަށް ފޮނުވާލި އަންހެނަކު ތަކުރާރުކޮށް އެއް ކަމެއް ކޮށް (ކޯޓުލާ ބޭލުން)، ވާހަކަ ނުދެއްކޭ ގޮތްވިކަމަށާ، ހަގީގަތުގައި އެ މާހައުލުގައި ނެތް އެއްޗިހި ފެނުން (ހެލޫސިނޭޝަން)ގެ ރިޕޯޓްވެސް އެމީހާ ކުރި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެމީހާ މަރުވެދިޔައީ ސިކުނޑި ނެތިކޮށްލާ އެންސިފަލައިޓިސްގައި ކަމަށްވެސް މި ދިރާސާ ރިޕޯޓް ބުނެއެވެ.

ދިރާސާ ޓީމުންވަނީ މިފަދަ ކަންކަމާ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކޮވިޑް-19 ޖެހި، ނާރުގެ ނިޒާމަށް މައްސަލަތަކެއް ކުރިމަތިވަނީ ދިފާއީ ނިޒާމު މަސައްކަތް ކުރާ ގޮތުން ކަމަށްވެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ނާރުތަކުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތަކަކީ 2003 ވަނަ އަހަރުގެ ސާސް ރޯގާއާއި 2012 ވަނަ އަހަރުގެ މާސް ރޯގާއިންވެސް ފާހަގަވި މައްސަލަތަކެއް ކަމަށް ދިރާސަ ކުރާ ފަރާތްތަކުން ބުނެއެވެ.

ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވަމުން އަންނަ ފަރާތްތަކުން ނާރުގެ ނިޒާމަށް އެއްވެސް މައްސަލައެއް ކުރިމަވާނަމަ ނުވަތަ އެފަދަ އަލާމާތެއް ފެންނަ ނަމަ ސިއްހީ ތަޖުރިބާކާރުންގެ އެހީ ހޯދަންޖެހެއެވެ.