ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެމްބަރުކަން ދޫކޮށްލުމުގެ ރަސްމީ މަސައްކަތް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފައްޓަވައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، ޑަބްލިއުއެޗްއޯ އޮތީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ވިދާޅުވެ، އެމެރިކާއިން ޑަބްލިއުއެޗްއޯއިގެ މެމްބަރުކަން ދޫކޮށްލަން ނިންމިކަން ޓްރަމްޕް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މި އަހަރުގެ މެއި މަހުގެ ފަހުކޮޅުގައެވެ.

އެކަން އެގޮތަށް ނުކުރުމަށް ވިލާތުގެ އިއްތިހާދު (އީޔޫ) އަދި އދއިން ގޮވާލާފައި ވީ ނަމަވެސް، ޓްރަމްޕް ވަނީ އެ ނިންމުމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށާ، އަދި އެ ޖަމިއްޔާއިން އެމެރިކާއިން ކުރަމުންދިޔަ ޚަރަދުތައް އެހެން ދާއިރާތަކަކަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ މި ނިންމެވުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާ އދއަށް އަންގަވާފައެވެ. ނަމަވެސް މިކަމަށް ރަސްމީ ސިފަ ލިބުމަށް އަހަރެއްހާ ދުވަސް ހޭދަވެގެންދާނެ ކަމަށް ބެލެވެއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު، ސްޓިވާން ޖުޖަރިޗް ވަނީ، 2021 ވަނަ އަހަރުގެ ޖުލައި 6 ވަނަ ދުވަހުން ފަށައިގެން އެމެރިކާއަކީ ޑަބްލިއުއެޗްއޯގެ މެމްބަރެއް ނޫން ކަމަށް ބަޔާންކޮށް އދގެ ސަމާލުކަމަށް އެމެރިކާއިން އެކަން ގެނެސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓް، ސެނެޓާ ރޮބާޓް މެންޑޭޒްވެސް ވަނީ، ބަލިމަޑުކަމެއްގެ މެދުތެރޭގައި ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޫކޮށްލުމަށް އެމެރިކާގެ ރައީސް ނިންމަވާ، އެކަމުގެ ނޯޓިސް ދީފައިވާކަން ކަށަވަރުކޮށްދެއްވާ، ޓްވީޓެއް ކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އދގެ އާންމު ޖަލްސާ ކުރާ މާލަމުގައި ތަގުރީރު ކުރައްވަނީ/ފައިލް ފޮޓޯ: ދަ ޑެއިލީ ބީސްޓް

މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓުންގެ ފަރާތުން ޓްރަމްޕާ ދެކޮޅަށް ނިކުންނަވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ، އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހަކީ، ޑަބްލިއުއެޗްއޯގެ މެމްބަރުކަމަށް އެމެރިކާއިން އަލުން ގުޅޭނެ ދުވަސްކަމަށާ، އެ ދުވަހަކީ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ ލީޑާޝިޕް ނަގަހައްޓަވާނެ ދުވަސް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އެމެރިކާއަކީ ޑަބްލިއުއެޗްއޯއަށް އެންމެ ފުޅާދާއިރާއެއްގައި މާލީ އެހީ ފޯރުކޮށްދޭ މަސްދަރެވެ. 2019 ވަނަ އަހަރަށް ބަލާއިރު އެ އިދާރާގެ ބަޖެޓްގެ 15 ޕަސެންޓް ދީފައިވަނީ އެމެރިކާއިންނެވެ. 1948 ވަނަ އަހަރު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގަރާރު ބުނާ ގޮތުގައި އެމެރިކާއަށް ޑަބްލިއުއެޗްއޯއިގެ މެމްބަރުކަން ދޫކޮށްލެވިދާނެއެވެ. އެކަމަކަށް 1 އަހަރު ދުވަހުގެ ނޯޓިސް ދީ، ދައްކަން ހުރި ފައިސާއެއް ދައްކާ ހަލާސްވެސް ކުރަންޖެހެއެވެ. މި އުސޫލުތަކަށް ޓްރަމްޕް އަމަލު ކުރައްވާނެ ކަމާ މެދު ސުވާލު އުފެދިފައި ވީ ނަމަވެސް، އެކަމަށް ބޯލަނބަން ޖެހޭނެ ކަމަށް ޖުޖަރިޗް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާއާއި ޑަބްލިއު.އެޗް.އޯގެ ގުޅުން މި ފަހަކަށް އައިސް އިންތިހާއަށް ހީނަރުވެގެން ދިޔައީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ޗައިނާއިން އެންމެ ފުރަތަމަ ފެނި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ދުނިޔެ ވައްޓާލިއިރު ޗައިނާ ޖަވާބުދާރީ ކުރުވުމަށް ޑަބްލިއު.އެޗް.އޯ ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ކުރިމަތިކުރައްވަމުން ގެންދެވި ތުހުމަތުތަކާއެކުގައެވެ.