އެ ގައުމުގެ ސަރުކާރުން ހިންގާ ވައްކާ ޖާސޫސުކޮށް ފާރަލުމުގެ އަމަލުތަކުގެ ސަބަބުން ދިގު މުއްދަތުގެ މުސްތަގުބަލުގެ ރާސްތާއަށް ބަލާއިރު، އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)ގެ ޑައިރެކްޓާ ކްރިސްޓޮފާ ވްރޭ ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭ ގޮތުން ހަޑްސަން އިންސްޓިޓިއުޓާ ވާހަކަދައްކަވަމުން އެފްބީއައިގެ ޑައިރެކްޓަރު ވިދާޅުވީ، ގައުމުން ބޭރުގައި ދިރިއުޅެމުންދާ ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ޓާގެޓްކޮށްގެން ނުބައި ރޭވުންތަކެއް ރާވަން ފަށާފައިވާކަމަށެވެ. އަދި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން އެމެރިކާއިން ކުރަމުންދާ ދިރާސާތަކަށްވެސް ޗައިނާއިން ހުރަސް އަޅަމުންދާ ކަމަށް ވްރޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

މިމޭރުމުން ވާހަކަދައްކަވަމުން އެފްބީއައިގެ ޑައިރެކްޓަރު ވިދާޅުވީ، ޗައިނާއިން އަމާޒު ހިފާފައި އޮތީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ވުމަށް ކަމަށާ، އެކަން ކުރުމަށް ކޮންމެ އަގެއް ދައްކަންވެސް އެގައުމު ފަސް ނުޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ ތަގުރީރުގައި ވްރޭ ވަނީ، ޗައިނާއިން ހިންގަމުންދާ މިފަދަ އެތައް ޖަރީމާތަކެއް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އިގުތިސޯދީ މައުލޫމާތަށް ޖާސޫސު ކުރުމާ، ތަފާސް ހިސާބުތަކާ މާލިއްޔާތާ ގުޅުން ހުރި ކަންކަމުން ވައްކަން ކުރުމާ، ޣައިރު ގާނޫނީ ސިޔާސީ ހަރަކާތްތ ހިންގުމާ، އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ރިޝްވަރު ދިނުމާ، ބްލެކްމެއިލް ކުރުން ފަދަ ޖަރީމާތަކަކީ ޗައިނާއިން ހިންގަމުންދާ އަމަލުތަކެއް ކަމަށް ވިދާޅުވެ، ވްރޭ ވަނީ ޗައިނާއަށް ވަރުގަދަ ތުހުމަތުތަކެއް އަމާޒު ކުރައްވާފައެވެ.

ވްރޭ ވިދާޅުވީ ޗައިނާއިން ހިންގާ ޖޫސޫސުކުރުމުގެ ހަރަކާތްތަކާ ދެކޮޅަށް ކޮންމެ 10 ގަޑިއިރަކުން އާ ކޭހެއް ފަށަން ޖެހޭ ދަރަޖައަށް ކަންކަން ގޯސްވެފައިވާކަމަށެވެ. ޖާސޫސުކުރުމާ ދެކޮޅަށް އެމެރިކާއިން 5000 އެއްހާ ކޭސް ބަލަމުންދާއިރު މީގެ ތެރެއިން 2 ބައިކުޅަ 1 ބައި ހާ ކޭސް އަމާޒުވަނީ ޗައިނާއަށް ކަމަށްވެސް އެފްބީއައިގެ ޑައިރެކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވްރޭ ވަނީ، އެމެރިކާގައި ދިރިއުޅެމުންދާ ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ޗައިނާގެ ސަރުކާރުން ނޭދެވޭ އަމަލުތަކެއް ހިންގަމުންދާނަމަ އެފްބީއައިގެ ސަމާލުކަމަށް އެކަން ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ.

ޗައިނާއިން ދަނީ އެގައުމުގެ މި ޕްރޮގްރާމް ދިފާއު ކުރަމުންނެވެ. ޗައިނާއިން ބުނާ ގޮތުގައި މިއީ ކޮރަޕްޝަނާ ދެކޮޅަށް، ގާނޫނީ އިމުގެ ތެރެއިން ޗައިނާއިން ހިންގާ މަޝްރޫއެކެވެ.