އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުންގެ ތެރޭގައިވެސް ހިމެނޭ އެންމެ ނުފޫޒުގަދަ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަކީ އެމެރިކާއިން ހިންގި ޣައިރު ގާނޫނީ އަމަލެއް ކަމަށް އެކްސްޓްރާ ޖުޑީޝަލް ކިލިންގްސްއާ ބެހޭ އދގެ ތަޖުރިބާކާރު އެގްނެސް ކެލަމާޑް ވިދާޅުވެއްޖެއެވެ.

އިރާގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކައިރިން ޖަނަވަރީ 3 ވަނަ ދުވަހު ސުލައިމާނީ މަރާލުމަށް އޯޑަރު ދެއްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕެވެ. ޓްރަމްޕް އޭރު ވިދާޅުވަމުން ގެންދެވެނީ ސުލައިމާނީއަކީ ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ޓެރަރިސްޓް ކަމަށާ، ސުލައިމާނީ "ނައްތާލަން" ވެއްޖެތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ. ސުލައިމާނީ "ނައްތާލުމަށް" އެމެރިކާއިން ހިންގި އޮޕަރޭޝަންގައި، އިރާޣުގެ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހުދީ އަލް-މުހަންދީސް ވެސް ވަނީ މަރާލާފައެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހަމަލާ ދިން އިރާގުގެ ވައިގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓްގައި ކެލަމާޑް ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކީގެ އަލީގައި ބަލާއިރު، ސުލައިމާނީ އާއި އޭނާއާ އެކުގައި ތިބި މީހުން މަރާލުމަށް އެމެރިކާއިން ހިންގި އަމަލަކީ ގާނޫނީ ހުދޫދުން ބޭރު ގަތުލެކެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދަށުން، އެކަމުގެ ޒިންމާ، އެމެރިކާއިން އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް ކެލަމާޑް ވަނީ ވިދާލުވެފައެވެ.

ސުލައިމާނީ މަރާލުމަށް ހިންގި އަމަލު ދިފާއު ކުރަމުން އެމެރިކާއިން ބުނަމުންދިޔައީ އޭނާއަކީ އީރާނުގެ ހަނގުރާމަވެރިންނާއެކު ހަމަލާތައް ރޭވުމުގެ ފަހަތުގައި ހުރި މޭސްތިރި ކަމަށެވެ. ނަމަވެސް، ކެލަމާޑް ވިދާޅުވީ، ސުލައިމާނީ މަރާލިއިރު އެމެރިކާގެ މަސްލަހަތަށް ގެއްލުން ދެނިވި ހަމަލާއެއް ދިނުމަށް ސުލައިމާނީ ރާވަމުންދިޔަ ކަމުގެ އެއްވެސް ހެއްކެއް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ. އަދި މިއީ އަމިއްލަ ނަފުސުގެ ދިފާއުގައި ގައުމަކުން މިފަދަ އަމަލެއް ހިންގި ފުރަތަމަ ފަހަރު ކަންވެސް ކެލަމާޑް ވަނީ ފާހަގަ ކުރައްވާފައެވެ.

ީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ/ފޮޓޯ: އޭއެފްޕީ

އީރާނުގެ ޕްރޮސެކިއުޓަރަކު ވަނީ ސުލައިމާނީ މަރާލި މައްސަލާގައި ޓްރަމްޕް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައެވެ. އަދި މިމައްސަލައިގެ ޝަރިއަތް ޓްރަމްޕާ ދެކޮޅަށް ހިންގުމަށް އިންޓަޕޯލްގެ އެހީއަށްވެސް އޭނާ ވަނީ އެދިފައެވެ. ނަމަވެސް، އެމެރިކާއިން އީރާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ބްރާޔަން ހުކް ސިފަކުރައްވާ ގޮތުގައި، މިއީ 'ޕްރޮޕަގަންޑާ ސްޓަންޓް' އެކެވެ.

އިރާގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އަމާޒުކޮށް އެމެރިކާއިން ވައިގެ މަގުން ހަމަލާދީ، ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ޖެނެރަލް ސުލައިމާނީ މަރާލާފައިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ކޮންގްރެސްގެ ރުހުމާ ނުލާ ކަމަށްވާއިރު، އެމެރިކާގެ ނަމުގައި ބަޔަކާ ދެކޮޅަށް ހަނގުރާމައެއް އިއުލާންކޮށް ހަމަލާދޭން ފެށުމުގެ އިޒުނަ ދިނުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށްކަން ފާހަގަކުރަންޖެހެއެވެ. ރުހުން ނުހޯދާ، ޓްރަމްޕްގެ އޯޑަރަކަށް ހަމަލާދީ ޖެނެރަލް ސުލައިމާނީ މަރާލިއިރު، އެ ހަމަލާގެ ވާހަކަ ކޮންގްރެސްއަށް އަންގާފައިވެސް ނުވާކަމަށް ޚަބަރު ލިބެއެވެ.

ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީގެ އަންހެން ދަރިއަކުވަނީ އޭނާގެ ބައްޕަގެ ލޭގެ ބަދަލު ހޯދާނީ ކޮން އިރަކުންތޯ އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ) އާއި ސުވާލުކޮށްފައި/ފޮޓޯ: އީޕީއޭ

ސުލައިމާނީގެ މައްޗަށް އިމާމްވެ ކަށުނަމާދު ކުރައްވާފައިވަނީ އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީއެވެ. އީރާނުން ދެކޭ ގޮތުގައި ޚާމަނާއީއަށް ފަހު އީރާނުގައި އެންމެ ނުފޫޒުގަދަ އަދި ބާރުގަދަ ޝަހްސަކީ ޖެނެރަލް ސުލައިމާނީއެވެ.