ޗައިނާގެ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި 2013 ވަނަ އަހަރު ޓެސްޓު ކުރި ސާމްޕަލްތަކެއްގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަށް ހާއްސަ ސިފަތަކެއް ހުރި ކަމަށް ރިޕޯޓެއް ބުނެފިއެވެ.

ވޫހާންއަކީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ސިޓީއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ވޫހާންއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުންނެވެ.

ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި 2013 ވަނަ އަހަރު ޓެސްޓު ކުރި ސާމްޕަލްތަކުގައި، ކޮވިޑް-19ގެ އަސަރު ހުރި ކަމަށް ބަޔާންކޮށްފައި ވަނީ ސަންޑޭ ޓައިމްސްއިން އާންމުކުރި ރިޕޯޓެއްގައެވެ.

ވާލަށް ބޮޑު ތުހުމަތެއް

އެއީ މީގެ 7 އަހަރު ކުރިއެވެ. ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކޮޕާ ނެގުމުގެ މަސައްކަތް ކުރަމުންދިޔަ މައިނަކުން، ސައެންސްވެރިން ސާމްޕަލް ނެގިއެވެ. ސާމްޕަލްތައް ނެގީ، އެ މައިންގައި މަސައްކަތް ކުރަމުންދިޔަ 6 މީހެއްގެ ހަށިގަނޑުން، ނިއުމޯނިއާ ޒާތުގެ އަލާމާތްތަކެއް ފެންނަމުން ދިއުމުންނެވެ. މި 6 މީހުންގެ ތެރެއިން 3 މީހުން މި ބަލީގައި މަރުވެދިޔައެވެ. އޭރު ތުހުމަތު ކުރެވުނީ، މައިންތެރޭގައި އުޅުނު ވާ ތަކެއްގެ ސަބަބުން ކުރިމަތިވި ކޮރޮނާވައިރަސް އިންފެކްޝަނެއް ކަމަށެވެ.

ޗައިނާގެ ސްޓްރީޓްފުޑް މާކެޓެއްގައި ވިއްކަން ހުރި ވާލު ސޫޕްއާއި ހަރުފަ ޑިޝްތަކެއް/ފޮޓޯ: ސޯޝަލް މީޑިއާ

ޝީ ޒެންގްލީ އަކީ ވައިރަސްތަކާ ބެހޭ އިލްމުގެ ތަޖުރިބާކާރެކެވެ. އެ ދުވަސްވަރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައެވެ. އޭނާގެ ވަނަމަކަށް ވެފައި އޮތީ "ބެޓް ވުމަން"އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ދިޔައީ ވާލުގެ އާބާދީން ތޮއްޖެހިފައިވާ ހޮހަޅަތަކުގައި ވަރުގަދަ ދިރާސާތަކެއް ކުރަމުންނެވެ.

މިއަހަރުގެ ފެބުރުވަރީ މަހެވެ. "އާރްއޭޓީޖީ13" ގެ ނަން ދީފައިވާ ސާމްޕަލަކުން ނެގި މައުލާތާ، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ޖައްސާ ވައިރަހާ 96.2 ޕަސެންޓް އެއްގޮތް ކަމެއް ހުރި ކަމަށް ޝީ ވަކަލާތު ކުރިއެވެ. "އާރްއޭޓީޖީ13" ގެ ނަން ދީފައިވާ ސާމްޕަލަކީ، 2013 ވަނަ އަހަރު ޔުނާންގެ މައިނުން ނެގި ސާމްޕަލެކެވެ.

ނަތީޖާ ކަށަވަރު

ސަންޑޭ ޓައިމްސްގެ ރިޕޯޓް ބުނާ ގޮތުގައި "އާރްއޭޓީޖީ13" ގެ ނަން ދީފައިވާ ސާމްޕަލަކީ ޔަގީނުންވެސް މައިންތަކުން ފެނުނު ވައިރަހުގެ ސާމްޕަލެކެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ޖައްސާ ވައިރަހަކީ ވޫހާންގެ ލެބުން ލީކުވެގެން އުޅޭ ވައިރަހެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ފެންމަތި ކުރިއެވެ. ނަމަވެސް "އާރްއޭޓީޖީ13" ގެ ލައިވް ސާމްޕަލެއް ނަގާފައި ނުވާނެ ކަމަށް ވިދާޅުވެ، އިންސްޓިޓިއުޓްގެ ޑައިރެކްޓާ ވަނީ ދިފާއަށް ކުޅުއްވާފައެވެ.

2019-އެންކޯވް ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީގައި އެމްބިއުލާންސްއަކުން ބަލި މީހަކު ބޭލުމަށް ސިއްހީ އޮފިޝަލުން އެހީތެރިކަން ފޯރުކޮށްދެނީ/ފޮޓޯ: އީޕީއޭ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 11 މިލިއަނަށްވުރެ ގިނަ މީހުންނަށް އެ ވައިރަހުގެ އަސަރު ކޮށްފައިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ގެ ހަގީގީ ފެށުމަކީ ކޮބައިތޯ ބެލުމަށް އިތުރު ދިރާސާތަކެއް ކުރުމަށް، ޑަބްލިއުއެޗްއޯގެ ޓީމެއް މި ހަފުތާ ތެރޭގައި ޗައިނާއަށް ދަތުރު ކުރާނެއެވެ.