ކ. ކާށިދޫން ފުރައިގެން ދޮނަކުޅިއަށް ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށްގޮސް، އޭގައި ދަތުރުކުރި މީހުން ކަނޑުވެއްޖެއެވެ.

ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ ކޯސްޓްގާޑް ލޯންޗަށް ފެނިގެން 14:20 ގައި ނަގާފައިވާ ކަމާށާއި އެމީހުން މިހާރު މާފިލާފުއްޓަށް ގެންދަނީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެމީހުންގެ ހާލު ރަގަނޅު ކަމަށާއި، ބޯޓުގައި ތިބީ 4 ދިވެހިންނާއި ބިދޭސީއަކު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހަ މީހުންނާއެކު ކ. ކާށިދޫން ފުރައިގެން ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު" ބޯޓުގެ އިންޖީނު ހުއްޓިގެން ކާށިދޫގެ އުތުރުން 9 މޭލު ބޭރުން އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް މިއަދު 12:29 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ އިން ވަނީ ހަރަކާތެރިވެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުނ ބުނީ، ބޯޓުގައި 6 މީހުން ތިބި ކަމުގެ ރިޕޯޓް ލިބުނު ނަމަވެސް، ބޯޓުގައި ތިބީ 5 މީހުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ބޯޓުން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ އެމީހުން ނެގުމަށް ކޯސްޓް ގާޑް ލޯންޗުން ހަރަކާތްތެރިވެފައި ވާއިރު، އެމީހުން ހޯދުމުގައި ސީޕްލޭން ވެސް ހަރަކާތްތެރި ވެފައިވާ ކަމަށޭވެ. އެމްއެންޑީއެފުން ބުނީ ބޯޓު އަޑިއަށް ދިޔަކަމަށް ރިޕޯޓް ލިބިފައި ވަނީ ބޯޓުގެ އިންޖީނު ހުއްޓިގެން ބޯޓު އެއްފަރާތަކަށް އަރިއަޅާލައިގެން ކަމަށެވެ.