ރޭ އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި ހޯދާފައިވާ ލިވަޕޫލާ އެސްޓަން ވިލާ އާ ކުޅުނު މެޗުގެ ކުރިން އެސްޓަން ވިލާގެ ކުޅުންތެރިންނާ މެޖޭޖްމަންޓްއިން ލިވަޕޫލަށް ދިން ގާޑް އޮފް ހޮނާއަށް ތަޢުރީފުކޮށް ގިނަ ސަޕޯޓަރުން ވިލާއަށް ތައުރީފުކުރަމުން އެބަދެއެވެ.
ލީގު ނުނިމެނީސް ތަށި ހޯދާ ޓީމެއް ޗެމްޕިއަންކަން ކަށަވަރުވުމަށް ފަހު އެހެން ޓީމެއްގެ ދަނޑުުގައި ކުޅޭ ފުރަތަމަ މެޗުގައި އެޓީމެއްގެ ކުޅުންތެރިން ޗެމްޕިއަން ޓީމުގެ ކުޅުންތެރިން ޕިޗަށް އަރާ ވަގުތު އިސްތިގުބާލުގައި ތިބުމަކީ ސަޤާފަތެއްގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ދެ ފަރާތުގައ ލައިނެއް ހަދައިގެން ހުރިހާ ކުޅުންތެރި ދަނޑަށް އަރާ ނިމެންދެން އަތް ޖަހާ ޖެހުމަށް އެކިޔަނީ ގާޑް އޮފް އޮނާއެވެ.
މިސީޒަންގައި ހަތް މެޗު ބާކީ އޮއްވާ ލިވަޕޫލުން ޗެމްޕިއަންކަން ހޯދާ ރިކޯޑެއް ހަދާފައިވާ އިރު ޗެމްޕިއަންކަން ލިބުނު ފަހުން އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި ވާދަކުރީ މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން 4-0 އަކުން ލިވަޕޫލް ދަށްވި ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ލިވަޕޫލްގެ ކުޅުންތެރި ދަނޑަށް އެރި ވަގުތު ސިޓީއިން ދިން 'ވަނދު' ގާޑް އޮފް އޮނާއެވެ.
މި ގޮތުން ލިވަޕޫލްގެ ބައެއް ކުޅުންތެރިންނަށް ދަނޑަށް ނޭރެނީސް ސިޓީގެ ބައެއް ކުޅުންތެރިން ލައިންތައް ދޫކޮށް ދާ މަންޒަރު ލައިވް ޓީވީއިން ފެނިފައިވާ އިރު ބައެއް ކުޅުންތެރި އަތް ޖަހަން ދެކޮޅު ހެދި މަންޒަރު ވެސް ފެނިގެން ދިޔައެވެ.
ޖެހިޖެހިގެން ދެ ލީގު ތަށި ހޯދި ސިޓީއަށް މިސާލު ދައްކާފައި މިވަނީ އަންނަ ސީޒަންގައި ލީގުން ފެންނާނެ ކަމުގެ އުއްމީދު މުޅިން ކަށަވަރު ވެސް ނުވާ އެސްޓަން ވިލާއިންނެވެ.
ރޭ މެޗުގައި އެސްޓަން ވިލާގެ ކުޅުންތެރިންނާ ކޯޗުން މިވަނީ ލިވަޕޫލްގެ ދަނޑަށް ލިވަޕޫލްގެ ކުޅުންތެރި އެރުމުގެ ކުރިން ފުރިހަމަ އަދި ޖޯޝުން ފުރިގެންވާ ގާޑް އޮފް ހޮނާއެއް ދީފައެވެ. މިކަމަށް ލިވަޕޫލްގެ އިތުރުން އެހެން ޓީމުތަކުގެ ތަޢުރީފާ ތަރުހީބު އެސްޓަން ވިލާއަށް ލިބެމުންދާ އިރު އެސްޓަން ވިލާގެ ކައިރިން އިހްތިރާމް ކުރަން ދަސްކުރުމަށް ފޭނުން ދަނީ ސިޓީއަށް ގޮވާލަމުންނެވެ.