އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް ރޭ އެސްޓަން ވިލާއާ ވަދާކުރި މެޗު 2-0 އަކުން ކާމިޔާބުކޮށްފިއެވެ. މިއީ ސީޒަންގެ ތަށި ލިވަޕޫލަށް ކަށަވަރުވި ފަހުން އެޓީމުން މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ޗެމްޕިއަން ޓީމުގެ ފަރާތުން ފެންނަން ޖެހޭ ކަހަލަ ކުޅުމެއް ފެނިފައި ނުވާ އިރު ގިނަ ފުރުސަތުތައް ވެސް އުފެއްދީ ރެލިގޭޝަންއާ ހަނގުރާމަ ކުރަމުން އަންނަ އެސްޓަން ވިލާއިންނެވެ.

އެހެން ނަމަވެސް ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފްގައި ލިވަޕޫލުން އެއް ފަހަރާ ތިން ކުޅުންތެރިން ބާލާ ގެނައި ބަދަލާ އެކުއެވެ. މި ގޮތުން، މެޗުުގެ 71 ވަނަ މިނެޓްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހާ ދިނީ ސާޑިއޯ މާނޭއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޮނިހިރު ދުވަހު ލިވަޕޫލާއެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރި ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސްއެވެ. މިއީ ޖޯންސް ލީގުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ޖޯންސްގެ މިލަނޑަކީ ލީގުގައި އޭނާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ

ރޭގެ މޮޅާއެކު ލިވަޕޫލުން މިވަނީ މިސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު 17 މެޗުން ވެސް މޮޅުވެފައެވެ. އަދި ސީޒަންގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރިކޯޑާ ވެސް ގާތަށް ޖެހިލާފައެވެ. މި ރިކޯޑް މިހާރު އޮތީ ސީޒަނެއްގައި 100 ޕޮއިންޓް ހޯދި ސިޓީ އަތުގައެވެ. އެހެން ނަމަވެސް ބާކީ އޮތް ފަސް މެޗުން ބާރަ ޕޮއިންޓް ހޯދައިގެން ސިޓީގެ ރިކޯޑް މުގުރާލެވޭނެއެވެ.

ލިވަޕޫލާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އެސްޓަން ވިލާއަށް މެޗު ކާމިޔާބުކުރަން ވެސް ގިނަ ފުރުސަތުތަކެއް ލިބުނު އިރު ރޭގެ ބައްޔާއާއެކު ވިލާ އަދި ވެސް އޮތީ ތާވާލުގެ ފުލުން ތިންވައިގައި ރެލިގޭޝަން ޒޯނުގައެވެ. ބާކީ ފަސް މެޗު އޮތް އިރު އަންނަ މިސީޒަންގައި ރެލިގޭޓް ވާނެ ޓީމުތަކެއް އަދި ވެސް ކަށަވަރެއް ނުވެއެވެ.