ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެގައުމުގައި ރެކޯޑް މިންވަރަކަށް އިތުރުވަމުން ދާ ދިއުމާ ގުޅިގެން، ތާޖު މަހަލް އަދިވެސް ނުހުޅުވާން ނިންމާފައިވާކަމަށް އިންޑިއާގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަވެސް، މިއަދަކީ ކޮވިޑް-19ގެ ލޮކްޑައުންއާއެކު ބަންދުކުރި ތާޖު މަހަލް ހުޅުވާ ދުވަހެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކޮށްފައެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކަށް ބަލާއިރު 24 ގަޑިއިރުގެ ތެރޭގައި 25000 ކޭސް މުޅިން އަލަށް ފެނިފައިވާއިރު، މި ވަގުތުގެ ތެރޭގައި 613 މަރެއްވެސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ، ޖަނަވަރީ މަހު އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ކޭސް ތަކެއް ރިޕޯޓް ކުރި ފަހަރުވެސްމެއެވެ.

ތާޖު މަހަލް ހުންނަ ސަރަހައްދަކީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެނިގެން ކޮވިޑް-19ގެ ކޮންޓެއިންމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.