ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި 33 މީހުންނާއެކު މިހާރު މި ބައްޔަށް ރާއްޖޭއިން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 2468 އަށް އަރައިފިއެވެ.
މިއަދު 33 މީހުން ކޮވިޑަށް ޕޮޒިޓިވް ވެ 19 މީހުން ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އާންމު ކުރި އަދަދު ތަކަށް ބަލާއިރު މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ 3 މީހުންނެވެ/ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2468 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2049 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2049 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު ކަރަންޓީންގައި ތިބީ 108 މީހުން އަދި އައިސޮލޭޝަންގައި ތިބީ 281 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 11 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 5 ބިދޭސީންނެވެ. 6 ދިވެހިންގެ ތެރޭގައި 3 ފިރިހެނުންނާއި 3 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 25 މީހުންނެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 54 މީހުންނެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހުންނާއި އިންޑިއާ އެކަކާއި ނޭޕާލް އެކަކެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 875 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1279 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 227 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުނާއި ސްރީލަންކާގެ 19 މީހުންނެވެ.