މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތެއް އަންނަ ބުދަ ދުވަހަށް ހައި ކޯޓްގައި ތާވަލުކޮށްފިއެވެ.
ހޯމަ ދުވަހު ބާއްވާ އަޑުއެހުމަކީ މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި އަޑުއެހުމެވެ. އަދި އެ އަޑުއެހުމަށްފަހު ދެން އޮންނާނީ ހުކުމް ކުރާ މަޖިލީހެވެ.
ލޮކްޑައުން ތެރޭގައި ބައެއް އަޑުއެހުންތައް އޮންލައިންކޮށް ބޭއްވި ނަމަވެސް އެއީ ހުކުމާ ހަަމައަށް ގޮސްފައިވާ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކާއި ބަންދާ ގުޅޭ މައްސަލަތައް އެކަނި ކަމަށާއި ރައީސް ޔާމީންގެ މައްސަލަ އަކީ އެއިން އެއްވެސް ކެޓަގަރީއަކަށް ނުފެތޭ މައްސަލަ އަކަށް ވާތީ އެ މައްސަލަ އޮތީ ކުރިއަށް ނުގެންގޮހެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމަށް ފަހު ހުޅުވާފައި ވަނީ މިއަދެވެ. ސަރުކާރު ހުޅުވުމާއެކު ކޯޓުގައި އާންމު އުސޫލުން ޝަރީއަތްތައް ބާއްވަން ފެށީވެސް މިއަދެވެ. ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވުމުގެ ސަބަބުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިދިޔަ ޖެނުއަރީ މަހު 28 ވަނަ ދުވަހެވެ. އެ އަދުއެހުމުހައި ރައީސް ޔާމީންގެ ފަރާތުން އެދިފައި ވަނީ ބެއިލް ދިނުމަށާއި ހުކުމް ތަންފީޒު ކުރުން ލަސް ކުރުމަށެވެ. ބެއިލް ކުރުމާ ބެހޭގޮތުން ދެފަރާތުން ބަހުސް ކުރުމަށްފަހު ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ފަހު ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ގިނަ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވެފައިވަނީ މާޗް މަހުގެ ފަސް ވަނަ ދުވަހެވެ. އެއީ އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެވެ. އެ އަޑުއެހުމުގައި ވަނީ މާޗް މަހުގެ 22 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައެވެ. ނަމަވެސް އެ ދުވަހަށް އަޑުއެހުން ނުބޭއްވުނީ މާޗް 19 ވަނަ ދުވަހު ސަރުކާރު ބަންދު ކުރުމާ ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް މެދުކަނޑާލުމުންނެވެ. ލޮކްޑައުންގެ މުއްދަތުގައި ހައިކޯޓުން އޮންލައިންކޮށް ބައެއް ޝަރީއަތްތައް ކުރިއަށް ގެންދިޔައެވެ.