ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވިލާތަށް އެންމެ ފުރަތަމަ ފެތުރިގެން ދިޔަ ދުވަސްވަރު ނުރައްކާ ދަރަޖައަކަށް ދިޔަ ސްޕެއިންގެ އިރުއުތުރު ކެޓަލޯނިއާ ސަރަހައްދުން ބައެއް ލޮކްޑައުން ކޮށްފިއެވެ.

ގާތްގަނޑަކަށް 200000 އެއްހާ މީހުން ދިރިއުޅެމުންދާ ސެގްރިއާއޭ ކިއުނު ސަރަހައްދު ލޮކްޑައުންކޮށްފައި މިވަނީ، ކޮވިޑް-19ގެ އާ ސާޖެއް އައިސްގެން ކަމަށް ޚަބަރު ލިބެއެވެ.

ކެޓަލޯނިއާގެ ރީޖަނަލް ޕްރެޒިޑެންޓް ކުއިމް ޓޯރާ ވިދާޅުވީ، ސެގްރިއާ ސަރަހައްދުގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުން އަންނަ ކަމަށާ، ސެގްރިއާ ސަރަހައްދު ލޮކްޑައުން ކުރީ ލިބެމުންދާ ތަފާސް ހިސާބުތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

ސްޕެއިންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ލޮކްޑައުން ކޮށްފައިވާ ސަރަހައްދަށް ވަދެ ނިކުމެ އުޅުން މަނާ ކޮށްފައިވާއިރު، 10 މީހުންނަށްވުރެ ގިނައިން އެއްތަނަކަށް އެއްވެ ނުއުޅެވޭނެއެވެ. މީގެ އިތުރުން، ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށްފައިވާ ހިޔާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ވަނީ ބަންދުކޮށްފައެވެ.

ސެގްރިއާގައި ބަލިމަޑުކަން އެންމެ ބޮޑުވެފައިވާ ސަރަހައްދުން ހުކުރު ދުވަހު އެކަނިވެސް 3706 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވިއިރު، ބުރާސްފަތި ދުވަހު 3551 މީހަކު ޕޮޒިޓިވްވިއެވެ.

ކެޓަލޯނިއާއަކީ ސްޕެއިންއަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ސަރަހައްދެވެ. ސަރަހައްދީ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސްޕެއިން މިހާތަނަށް 72860 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސްޕެއިންގައި ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް އެ ގައުމުން ބަދަލުތަކެއް ގެނެސް، ބޮޑެތި ލުއިތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެކެވެ.