އަވަށްޓެރި ބަންގްލަދޭޝްއިން އިތުރު 3288 މީހަކު ޕޮޒިޓިވްވެ، އެގައުކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 159679 އަށް އަރައިފިއެވެ.

ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ އޮފިޝަލުން އާންމު ކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 1997 އަށް އަރާފައެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ އިސް އޮފިޝަލު ޑރ ނާސިމާ ސުލްތޯނާ ހޮނިހިރު ދުވަހު ވިދާޅުވީ، އޭގެ ކުރިއަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 29 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް، 18 ވަނައަށް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރަމުން ދަނީ ބަންގްލަދޭޝްއިންނެވެ. ބަންގްލަދޭޝްގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 86961 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، ހާލު ސިރިއަސް/ކުރިޓިކަލް 1 ޕޭޝަންޓް އެބަ އޮތް ކަމަށް ޚަބަރު ލިބެއެވެ. 164 މިލިއަން މީހުންގެ އަބާދީއެއް އޮތް ބަންގްލަދޭޝްއަށް ބަލާއިރު، މިހާތަނަށް އެ ގައުމުން ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވަނީ 835074 ސާމްޕަލެކެވެ. މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ކޮންމެ 1 މިލިއަން މީހަކަށް 5070 ޓެސްޓެވެ.

ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ކޮވިޑް-19ގެ ނުރައްކާ، 3 ވަނައަށް އެންމެ ބޮޑު ގައުމަކީވެސް ބަންގްލަދޭޝްއެވެ.