އިސްރާއީލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހިބްރޫންގައި، ކޮންޓްރޯލެއް ނެތި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުން ދާ ކަމުގެ އިންޒާރު، ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފިއެވެ.

24 ގަޑިއިރުގެ ތެރޭގައި ހުޅަނގު އައްސޭރިން 528 މީހަކަށް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާކަމަށާ، އިސްރާއީލުން އަތްގަދަ ކުރަމުންދާ އިރުމަތީ ގުދުސްއިންވެސް 33 ކޭހެއް ރިޕޯޓްކޮށްފައިވާކަމަށެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 3835 އަށް އަރާފައެވެ. ހުޅަނގު އައްސޭރިއާއި ގައްޒާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 3360 ކޭސް ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރެއިން 2749 ކޭސް ރިޕޯޓް ކޮށްފައިވަނީ ހިބްރޫންއިން ކަމަށް ޚަބަރު ލިބެއެވެ.

ޕީއޭގެ ސިއްހަތާ ބެހޭ ވަޒީރު މާއީ އަލް-ކައިލާ ވިދާޅުވީ ހިބްރޫންއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓިފައިވާއިރު، މިހާރު އިއުލާންކޮށްފައިވާ 5 ދުވަހުގެ ލޮކްޑައުން އަމުރުގެ މުހުލަތު އިތުރުކުރުން ގާތް ކަމަށެވެ. މި ސަރަހައްދުގައި ލޮކްޑައުން އިއުލާންކޮށް ތަންފީޒު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކޮށްފައިވަނީ 238 ކޭސް ރެކޯޑް ކުރި ބައިތުލްއަހަމުންނެވެ. އެއާ ވިދިގެން، 3 ވަނާގައި އޮތީ 180 ކޭސް ރިޕޯޓް ކުރި ނާބްލުސްއެވެ. ބައިތުލްއަހަމްގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ މަރުކަޒުގައި ހުރީ އެންމެ 4 ވެންޓިލޭޓަރު ކަމަށާ، މީގެ ތެރެއިން 2 ޔުނިޓެއް މިހާރުވެސް ބޭނުން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އާ ގުޅިގެން ގައްޒާގެ މައި ބާޒާރެއް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: އާދިލް ހަނާ

ޕީއޭގެ އޮފިޝަލުން ދަނީ މިހާރު ފަލަސްތީނުން ފެންނަމުންދާ ކޭސްތަކަކީ ރައްޔިތުންގެ އިހުމާލުން ހިނގާ ކޭސްތަކެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދޭންވީ ވަރަށް ސިއްހީ ފިޔަވަޅުތަކަށް ސަމާލުކަން ދީ، ރައްކާތެރިކަން ހޯދާފައި ނުވާކަމަށް ޕީއޭގެ އޮފިޝަލުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. ޖިސްމާނީ ގައިދުރުކަމަށް ސަމާލުކަން ދިނުމެއް ނެތި، ކައިވެނި ހަފުތާލާތައް ބޭއްވުމާ، ޖަނާޒާތަކުގައި ބައިވެރިވުން ފަދަ އަމަލުތައްވެސް ރައްޔިތުން ހިންގާފައިވާކަމަށް އޮފިޝަލުން ތުހުމަތު ކުރައްވައެވެ.

ޕީއޭގެ ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ ވަނީ، ޖިސްމާނީ ގައިދުރުކަމާ ހިލާފާށް އުޅޭ މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކޮވިޑް-19ގައި ފަލަސްތީނުން 12 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރެއިން 1 މަރުވީ ހަމާސް އިން ކޮންޓްރޯލް ކުރަމުންދާ ގައްޒާއިން ކަމަށްވާއިރު އަނެއް 11 ޕޭޝަންޓުންނަކީ ހުޅަނގު އައްސޭރިން މަރުވި ޕޭޝަންޓުންނެވެ.