އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ހައްޔަރު ކޮށްފައިވާ ތ. ގުރައިދޫ/މިޔަވާލި، ޙުސައިން ޒާހިނު (33އ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގެ ތުހުމަތުގައި މިއަދު ހައްޔަރުކޮށްފައިވާ ޒާހިނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި މީނާ ބްލެކްމެއިލްކޮށް ރޭޕްކޮށް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރނުް 13 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ޒާހިނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފަރާތްވެސް ވަނީ ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ކޮޓުން އަމުރުކޮށްފައެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި އުމުރުން 37 އަހަރުގެ އިބްރާހިމް ޝާފިއު ނަމަކަށް ކިޔާ ފ. ފީއަލީ މީހެކެވެ.