އަންނަ ހަފްތާގެ އާދިއްތައިން ބުރާސްފަތީގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށެވެ.

އެ ބޭންކުން ބުނީ މާލޭ ސިޓީގައި ގާއިމް ކުރެރިވިފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އަދި ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައިވެސް މި ހިދުމަތްތައް ދެމުންދާނެ އެންމެފަހު ވަގުތުތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

އީމެއިލް މެދުވެރިކޮށް އޮންލައިންކޮށް ދޭ ހިދުމަތްތައް:

  • ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން
  • ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)
  • ލޯކަލް ބޭންކް ޓްރާންސްފާ
  • މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް
  • ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން

ބީއެމްއެލުން ބުނީ، ނަގުދު ފައުސާ ޖަމާކުރުމާއި ޗެކު ޖަމާކުރުމުގެ ހިދުމަތްތައް ދޭނީ ހަމައެކަނި އޭޓީއެމް މެދުވެރިކޮށް ކަމަށެވެ. އެގޮތުން، ނަގުދު ފައިސާ ޖަމާކުރުމުގައި ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭއިރު، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވެއެވެ. އަދި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކު ތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތައް މި ލިންކުން ލިބޭނެ ކަމަށް އެ ބޭންކުން ލިބެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، އެ ބޭންކުން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އެހެންކަމުން ކަސްޓަމަރުން ގޭގައި ތިއްބެގެން ބޭންކިން ހިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.