ބ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވަ ބޮޑުފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޭބާ އޮތޯރިޓީ އަދި ޕަބްލިކް އިންޓްރެސް ލޯ ސެންޓަރު (ޕީއައިއެލްސީ)އިން އެ ރަށުގައި ހަރަކާތެރިވަމުން އެބަދެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ދަނީ އެރަށުގައި ތިބި ބިދޭސީންނާއި ބައްދަލުކޮށް މައުލޫމާތު ސާފުކުރަމުންނެވެ. އަދި ޕީއައިއެލްސީން އެރަށުގައި ހަރަކާތެރިވަމުން ދަނީ ބިދޭސީންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަސް ގާނޫނީ ޖަމްއިއްޔާއަކުން ހަރަކާތްތެރި ވަމުންދާއިރު، އެރަށުގައި ތިބި ބިދޭސީންގެ ތެރެއިން ހަމަނުޖެހުމާ ގުޅިގެން ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދަށް ވަނީ 15 ދުވަސް ވެސް ޖަހާފައެވެ. މައުލޫމާތު ލިބޭގޮތުގައި އެމީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާވެސް ކޮށްފައެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނާއެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ފުރަތަމަ މެންބަރު ރިޒާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުސާރަ ނުދެވުނީ ކަމަށެވެ. ނަމަވެސް ފަހުން އެ މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުނެފައި ވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށެވެ. ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ފައިސާއަށްވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ.
ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ.