ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކްލަސްޓާތަކެއް ފެންނަމުންދާތީ، އޮސްޓްރޭލިއާގެ މެލްބަން ސިޓީގެ 9 ޕަބްލިކް ހައުސިންގް ޓަވަރެއްގައި ދިރިއުޅެމުންދިޔަ 3000 އެއްހާ ރައްޔިތުން އެ މީހުންގެ ގެތަކުގައި ލޮކްޑައިންކޮށްފައި ވާކަމަށް، ވިކްޓޯރިއާ ސްޓޭޓްގެ އިސްވެރިޔާ ޑެނިއަލް އެންޑްރޫޒް ހާމަ ކުރައްވައިފިއެވެ.

ވަގުތުން ވަގުތަށް ތަންފީޒު ކުރެވިގެންދިޔަ ހަރުކަށި ލޮކްޑައުންގެ އަމުރު، އެންމެ މަދުވެގެން 5 ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށާ، މި ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެކަން ޕްރިމިއާ އެންޑްރޫޒް ވަނީ ހާމަ ކުރައްވާފައެވެ.

އެންޑްރޫޒް ވިދާޅުވީ އިމާރާތްތަކުގެ ކައިރީގައި ފުލުހުން ފޯރި މަރަމުން ދާނެ ކަމަށާ، އެއްވެސް މީހަކަށް އެ ސަރަހައްދަށް ވަދެ ނިކުމެ ނުއުޅެވޭނެ ކަމަށެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން އޮސްޓްރޭލިއާގެ އެއްވެސް ހިސާބެއް މިހާ ހަރުކަށިކޮށް ލޮކްޑައުން ކުރި ފުރަތަމަ ފަހަރެވެ.

އެންޑްރޫޒް ވިދާޅުވީ މި އަމުރަކީ ނާޒުކު ހާލުގައި ތިބި މީހުންނަށް ގޮންޖެހުންތަކެއް ކުރިމަތި ނުކުރުވާނެ ކަމެއް ކަމުގައި ކަމާ ބެހޭ ފަރާތްތަކުން ފަހަރެއްގައިވެސް ނުދެކޭ ކަމަށާ، ކުރިއަށް އޮތީ ލޮޖިސްޓިކްސްގެ ގޮތުން ބުރަ މަސައްކަތެއް ކަމަށާ، އެހެނީ ޓަވަރުތަކުގައި ތިބި މީހުންނަށް ކެއިންބުއިމުގެ އިންތިޒާމުތައްވެސް ހަމަޖައްސާދޭންޖެހޭ ކަމަށެވެ.

މެލްބަންއިން އިތުރު 12 ސަރަހައްދެއްގައި މިހާރު އޮތީ، ގޭގައި މަޑުކުރުމުގެ ލުއި އަމުރެއް އިއުލާންކޮށްފައެވެ. މި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަރޫރީ ބޭނުންތަކަށް ގެއިން ނިކުމެ އުޅެވެއެވެ.

މިވަގުތު އޮސްޓްރޭލިއާގައި އެންމެ ނުރައްކާ މަންޒިލަކަށް ވެފައިވަނީ ވިކްޓޯރިއާ ސްޓޭޓްއެވެ. ހުކުރު ދުވަހު އެކަނިވެސް މި ސްޓޭޓުން 108 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ވިކްޓޯރިއާ ސްޓޭޓަކީ، މަތީ ތައުލީމާ ހާސިލު ކުރުމާ، ވަޒީފާ އަދާ ކުރުން ފަދަ އެކި ބޭނުންތަކަށް ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުންދާ ސަރަހައްދެކެވެ.