ބ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއް ކަމަށްވަ ބޮޑުފިނޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޮޑުފިނޮޅުން އިއްޔެ ހައްޔަރުކުރި 19 ބިދޭސީންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މިއަދު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނާއެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި ރިޒް ކުންފުނިން އެކަމުގެ ޒިންމާ އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގައެވެ. ފުރަތަމަ މެންބަރު ރިޒާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުސާރަ ނުދެވުނީ ކަމަށެވެ. ނަމަވެސް ފަހުން އެ މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުނެފައި ވާއިރު ސީލް މޯލްޑިވްސްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށެވެ. ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ފައިސާއަށްވުރެ އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ.
ބޮޑުފިނޮޅުގައި ހިނގި ހަމަނެޖެހުންތައް ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ކޮންޓްރޯލްކޯށް އެ ރަށުގައި ހިފަހައްޓާފައި ތިބި ދިވެހިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ.